މަސަތްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނަޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާ ދެއްވުމަށް މުސާރަޔާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް ރައީސް އެކުލަވާލައްވައިފިއެވެ.

އެ ބޯޑުގެ މަސްއޫލިއްޔަތަކީ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާ ދެއްވުމެވެ. މި ބޯޑުގައި ތިއްބަވާނީ 5 މެންބަރުންނެވެ. އަދި މީގެ ތެރެއިން ދެ މެންބަރުންނަކީ ވަޒީފާދޭ އިންޑަސްޓްރީ ތަކުގެ ދެ ފަރާތެވެ. އަދި އަނެއް ދެ މެންބަރުންނަކީ މަސަތްކަތްތެރިން ތަމްސީލް ކުރާ ދެ ފަރާތެވެ. މީގެ ތެރޭގައި ސަރުކާރު ތަމްސީލު ކުރާ މެންބަރެއްވެސް ހިމެނެއެވެ.

މިކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ މިކަން ވެގެންދާނީ މަސަތްކަތްތެރިންނާއި ވަޒީފާދޭ ފަރާތަކަށްވެސް ފައިދާ ހުރި ކަމަކަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރު ފެށުމާ އެކު މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ މިންވަރު ކަނޑައަޅައި ފާސް ކުރުމުގެ މަސަތްކަތް ފަށްޓަވާނެ ކަމަށް މަސަތްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވެވި ހިތާބުގައި ވިދާޅުވިއެވެ.