އިއްޔެ ލަންކާގެ ޗެކް ޕޮއިންޓަކުން ހައްޔަރުކުރި 3 ދިވެހިންގެ ބަންދަށް 7 ދުވަސް ޖަހާފައި ވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާތަނަށް 8 މީހަކު ލަންކާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ވާކަމަށާ، މި އެންމެންނަކީ އާދީއްތަ ދުވަހުގެ ހާދިސާއާ ގުޅުން ހުރި ކަންކަމުގައި ހައްޔަރު ކޮށްފައިވާ މީހުން ނޫން ކަމަށެވެ. އެގޮތުން ލަންކާގެ ސަލަމަތީ ބާރުތަކުން ބެލި ބެލުމުން އެހެނިހެން ކަންކަން ފާހަގަ ވެފައިވާ މީހުންވެސް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހައްޔަރުކުރި އެއްވެސް ދިވެއްސެއްގެ އަތުން މަސްތުވާ ތަކެތި ފެނިފައި ނުވާކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު އުމަރު ރައްޒާގު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 8 މީހުންގެ މައްސަލަވެސް ތަހުގީގު މަރުހަލާގައި އޮތުމުން އިތުރަށް އެ ފަރާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށާ، މި އެންމެންގެ މައްސަލަވެސް ތަހުގީގު ކުރަމުންދަނީ ލަންކާގެ ކަމާބެހޭ ފަރާތަކުން ކަމަށެވެ.

ލަންކާގައި އެންމެ ފުރަތަމަ ހައްޔަރުކުރި 6 ދިވެހީންގެ ތެރެއިން 4 މީހަކު ވަނީ ދޫކޮށްލާފައެވެ.

ލަންކާގައި ދިން ޓެރޮރިސްޓް ހަމަލާތަކުގައި 200 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ މި ހަމަލާތަކުގެ ސަބަބުން ޒަހަމު ވެފައެވެ. މި ހަމަލާ ތައް ދިނުމާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން އަންނަނީ ލަންކާގެ ގެތަކާ މީހުން ބަލާ ފާސްކުރަމުންނެވެ.