ކޯޓުގެހުރުމަތް ކަނޑައިގެން ކަމަށް ބުނެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް ހާޒިރުކުރާ ކުރުން ނިމުމަކަށް ގެންނަން ވެއްޖެ ކަމަށް ބާ ކައުންސިލްގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވި މައްސަލައަކާ ގުޅިގެން ދެ ވަކީލަކު އެ ކޯޓަށް ހާޒިރު ވުމަށް ސުޕްރީމް ކޯޓުން އެންގުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މާދަމާ ކޯޓަށް ހާޒިރުކުރަނީ ގާނޫނީ ވަކީލު އިމްތިޔާޒް ފަހުމީއާއި، އަހްމަދު ޝަފީގެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ވަކީލުންނާ ގުޅުން ހުރި އެފަދަ މައްސަލަތައް ބެލުމަކީ ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ސުޕްރީމް ކޯޓުން ކުރިއަށް އެ ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ އެ ވަކީލުންގެ އެފަދަ މައްސަލަތައް ބެލުމަކީ ބާ ކައުންސިލު ގެ ޒިންމާއެއް ކަމަށެވެ. އެކަމަކު މި އަދާ ޖެހެންދެންވެސް ބާ ކައުންސިލު އުފެއްދުމަށް ބާރުދޭ ގާނޫނީ ފަންނުގެ ބިލު އޮތީ މަޖިލީހުން ފާސްކޮށް ނުދީ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެ ބިލު ފާސްނުވާހާ ހިނދަކު ވަކީލުންގެ ކަންތައްތައް ބަލަހައްޓަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެގެން ސުއޫދުވެސް މީގެ ކުރިންވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.