އަންނަ ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ހަނދު ސާބިތުކުރުމަށް ހެކިބަސް ދިނުން އޮންނާނެތީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ޑީޖީއޭގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑީޖޭއޭން ބުނެއެވެ. އެގޮތުން މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަށް ބަޔަކު ހެކިބަސް ދޭން ހަމަޖައްސާފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގައެވެ. އަދި ރަށްރަށުގައި ހެކިބަސް ދޭން ޖެހެނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރި މަތީގައެވެ.
ޑީޖޭއޭ އިން ބުނީ ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރި މަތީގައި ހެކިބަސް ދެވޭނެ ކަމަށެވެ. އަދި ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި ހަނދާއި ބެހޭ އެހެނިހެން މުހިންމު މައުލޫމާތު ދޭންޖެހޭނެ ކަމަށް ޑީޖޭއޭން ބުނެއެވެ.
އަންނަ ރޯދަމަހުގެ ހަނދު ސާބިތު ކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތު އޮންނަ ގަޑިއަކާއި ތަން އަދި ނިންމާފައި ނުވާކަމަށެވެ.