ފިސްތޯލަ ގެންގުޅުއްވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކޯޓުތަކުން ކޮށްފައިވާ ހުކުމްތައް ރަނގަޅު ނޫންކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ފިސްތޯލަ ގެންގުޅުއްވި މައްސަލައިގައި އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ބާއްވާފައެވެ. މި އަޑު އެހުމުގައި އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ބާތިލު ކުރަން ޖެހޭކަމަށް ދައުލަތުން ބުނެފައި ވެއެވެ.
2015 އަހަރުގެ މޭޑޭ އާ ދިމާކޮށް އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގައި އަދީބުގެ މައްޗަށް 10 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވާފައިވެއެވެ. އަދި މި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.
މި މައްސަލައިގާ ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އަދީބުގެ ވަކީލުން ބުނެފައިވަނީ އެ ހުކުމް އަދީބުގެ މައްޗަށް ކޮށްފައިވަނީ ބަޔަކު ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެކަމަކު އޭގެ އިތުރު އެއްވެސް ހެއްކެއް ދެއްކިފައި ނުވާކަމަށް އަދީބުގެ ފަރާތުން ޝަރީއަތުގައި ބުނެފައިވެއެވެ.
ފިސްތޯލައެއް ގެންގުޅުއްވި މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ އެހެން ދައުވާއެއްވެސް ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވެއެވެ. އެއީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި މައްސަލައެވެ.
ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ދާދިފަހުން ވަކި މުއްދަތެއް ނެތް ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.