ރާއްޖޭގެ ނައު މިހާރު ވަނީ މިސްރާބު ގެއްލިފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލީސް ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރާއްޖޭގެ ނައު މިހާރު ވަނީ މިސްރާބު ގެއްލިފައި ކަމަށާއި ގައުމީ ނަވަށް ބޭނުންވަނީ ރާއްޖޭގެ ފަރުތަކާއި ކަނޑުއޮޅިތައް ދަންނަ މާލިމީން ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އަދުރޭ ދެއްވިއެވެ.
އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގޮތް ނިންމާނީ ޕީއެންސީން ކަމަށެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީއެންސީ އުފެދިގެން އައީ ސިޔާސީ މައިދާނުގައި ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އެކުގައި ކަމަށާއި، އެ ޕާޓީގެ މެންބަރުން ސިޔާސީ މައިދާނަށް ނުކުތީ ސިޔާސީ ކަންކަން ވަރަށް ރަނގަޅަށް އެނގިގެން ކަމަށެވެ.
މި ޖަލްސާގައި ޕީއެންސީގެ ރައީސްގެ އިތުރުން ނައިބު ރައީސްގެ ވާހަކައިގައިވެސް މުހިންމު ނުކުތާ ތަކަކަށް އަލި އަޅުއްވާފައިވެއެވެ. އެގޮތުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ އެއްވެސް ކަންފުޅެއްވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކު ރައީސް ޔާމީންގެ ތަރައްގީ ފާހަގަކުރެއްވި ރޮކެޓް ސްޕީޑުގައި، އެހެންނަމަވެސް މިއަދު މިސަރުކާރުން އަޅުގަނޑުމެންނަށް ފެންނަނީ ރޮކެޓެއްގައި ޓޫޓޫ އިންޖީނެއް އަޅާފައި ހުރީމައި ދެންވާނެ ގޮތް. ކުރިއަކަށް ނުދޭ، ފަހަތަކަށް ނުދޭ، ތަރައްގީގެ ހަމަ ކަންފުޅެއްވެސް ނެތީ" ސައީދު ވިދާޅުވިއެވެ.
ޕީއެންސީ އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ޕާޓީ ކަމަށާއި ޕީއެންސީ އަކީ ހަގުނަމަވެސް ވަރުގަދަ ޕާޓީއެއްކަން އެޕާޓީގެ ރައީސް އާއި ނައިބު ރައީސް އެޖަލްސާގައި ފާހަގަ ކުރެއްވިއެވެ.