ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ސުޕްރީމް ކޯޓުން ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 13:15 އަށެވެ.

އަދީބުގެ މައްޗަށް ޓެރަރިޒމް ގެ ދެ ދައުވާއެއް ދައުލަތުން އުފުލާފައި ވެއެވެ. އެއީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި މައްސަލައާއި ހަމަ އެ އަހަރުގެ މޭޑޭ އާ ދިމާކޮށް ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ކޮށްފައިވާ ދައުވާއެކެވެ.

ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގާ 15 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އަދީބް ގެ މައްޗަށް އިއްވާފައި ވެއެވެ. އަދި ފިސްތޯލަ ގެންގުޅުއްވި މައްސަލައިގައި އަދީބުގެ މައްޗަށް 10 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ.

ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ދާދިފަހުން ވަކި މުއްދަތެއް ނެތް ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.