އިންތިހާބުން ބަލި ވުމަކީ ޕާޓީގެ ލީޑާޝިޕް ފެއިލްވުން ނޫންކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކުރީގެ ޕީޖީ ގްރޫޕް ގެ ލީޑަރު އަހްމަދު ނިހާން އަށް ރައްދު ދެއްވައިފިއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވަމުން ނިހާން ވިދާޅުވެފައި ވަނީ ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލީސް އިންތިހާބުގައި ޕީޕީއެމް އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ ހަރުދަނާ ލީޑާޝިޕެއް ޕާޓީގައި ނެތުމުން ކަމުގައެވެ. އޭގެ ފަހުން ނިހާން ވަނީ ޕީޕީއެމް އިން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ޕީޕީއެމާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އަދުރޭ ވިދާޅުވީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި މިހާރު ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެސް ގިނަ ނާކާމިޔާބީ ތަކަކާ ކުރިމަތި ލާން ޖެހުނު ކަމަށެވެ. އެކަމަކު އެއީ އެމްޑީޕީގެ ލީޑާ ޝިޕްގެ ސަބަބުން ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"2009 ވަނަ އަހަރު ދިވެހި ރާއްޖޭގަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީވީ ބޮޑުތަނުން ބަލި. އެބޭފުޅުން ސަރުކާރުގަ ތިއްބަވައިގެން، އިނގޭތޯ. 2011 ވަނަ އަހަރު ދިވެހި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގަ އެމްޑީޕީ ވީ ބޮޑުތަނުން ބަލި. އެބޭފުޅުން ސަރުކާރުގަ ތިއްބަވައިގެން. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގަ އެމްޑީޕީ ވީ ބަލި. 2014 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އެމްޑީޕީ ވީ ބަލި. 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ވީ ބަލި. ލީޑާޝިޕްގަ ތިބީ އެއްބަޔަކު. ހަމަ ކެނެރީގޭ މުހައްމަދު ނަޝީދު އޭރުވެސް ލީޑާޝިޕްގަ ހުންނެވީ. ދެން ހަމަ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވީ މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީއަށް ކުރިމަތި ލާން ޖެހުނު އެ ހުރިހާ ނާކާމިޔާބީ އަކަށް ފަހުވެސް މިއަދު އެމްޑީޕީގެ މެންބަރުން އެ ތިއްބެވީ ކާމިޔާބީ އެއް ހޯއްދަވައިގެން ކަމަށެވެ.

އެހެން ކަމުން އިންތިހާބަކުން ބަލިވާ ކޮންމެ ފަހަރަކު އެއީ ލީޑަޝިޕް ފެއިލް ވެގެން ވާކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ބަލިވާ ކޮންމެ ފަހަރަކު ލީޑާޝިޕް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.