ދޮށީ އުމުރަށް ދިޔުމުން ދައުލަތުގެ ބަޖެޓުން އެލަވަންސެއް ދީފައި ގޭގައި ބޭތިއްބުމަކީ އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ.

މަންފާ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭރުގައި ދޮށީ އުމުރުގެ މީހުންގެ ބޭނުން ހިފޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުން ރާއްޖެއަށް މިހާރު ވަރަށް ބޮޑަށް ޖެހިފައި ވާކަމަށެވެ.

އަދި ރައީސް ވިދާޅުވީ ވަކި އުމުރަކަށް ދިޔުމުން ވަޒީފާއިން މުސްކުޅި ކުރުމަކީ މިހާރު ގިނަ ގައުމު ތަކެއްގައި ގެން ގުޅޭ އުސޫލެއް ކަމަށެވެ. އެކަމަކު އެ ގައުމުތަކުގައި ދޮށީ އުމުރުގެ މީހުންގެ ބޭނުން ހިފޭނޭ އިންތިޒާމު ތަކެއް ހަމަ ޖެހިފައި ވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެފަދަ އިންތިޒާމުތަކެއްގެ މަގްސަދަކީ ދޮށީ އުމުރުގެ މީހުން ދެ އަތް އުރާލައިގެން ތިބެ އެކަނިވެރިވާން ދޫ ނުކޮށްލުން. އުމުރު މަތިވެގެން ދިޔަޔަސް މުޖުތަމައުން އެމީހުން ބާކީ ކޮށް ނުލާނެކަން ވިސްނައި ދިނުން. އެ ބޭފުޅުން ރަސްމީ ވަޒީފާ ދޫކޮށްލުމުން ކުރިމަތިވާ ސިކުނޑީގެ ހާސް ކަމާ ނަފްސާނީ އުނދަގޫތަކަށް ލުޔެއް ހޯދައިދިނުން" ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވިދާޅުވީ ދިރިއުޅުމުގެ އާދަތަކާއި، އާއިލާ ރޭވުމުގައި ގެންގުޅުނު ހަމަތައް މިއަދު ބަދަލު ވެފައި ވާކަމަށެވެ. އަދި އޭގެ ސަބަބުން އާބާދީގައި އުމުރުފުރާތައް ހިއްސާވާ މިންވަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ދޮށީ އުމުރުގެ އާބާދީ އިތުރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު، ކުރިން އުޅުނުހެން އާއިލާގެ ހުރިހާ އެންމެން އެއްކޮށް މިހާރު ދިރިނޫޅޭ ކަމަށާއި އޭގެ ސަބަބުން މުސްކުޅި މައިންބަފައިން އެކަނިވެރި ވެފައި ވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މުސްކުޅި ވީދުވަހު ލޯބިދީ އަޅާލާނެ ދަރިން ކައިރީގައި ނެތުމުގެ ހިތްދަތި އިހުސާސް ކުރަން ޖެހިފައިވާ މީހުން ގިނަވެފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައި ވީކަމުގައި ވިޔަސް މައިން ބަފައިން ވީ ގުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އެމީހެއްގެ ފުދުން ތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަންފާ ސެންޓަރަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ރައީސް ސޯލިހުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަތެވެ. އަދި ރައީސް ގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމު ގެ ދެކަނބަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ.