ޑޮކްޓަރުންގެ ދުވަސް 2019 ފާހަގަ ކުރުމުގެ މުނާސަބަތުގައި ރާއްޖޭގައި ރެޖިސްޓާ ކޮށްފައިވާ އެންމެހާ ޑޮކްޓަރުންނަށް އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ހާއްސަ ޕްލޭނެއް އުރީދޫން ތައާރަފްކޮށްފިއެވެ.
އުރީދުން ބުނީ، ރާއްޖޭގެ އެންމެހާ ޑޮކްޓަރުންނަށް ހާއްސަކޮށް ތައާރަފްކުރި ޕްލޭން ޑޮކްޓަރުންނަށް ހިޔާރުކުރެވޭނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މި ޕެކޭޖް ހިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރާ އެންމެހާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ހަމައެއާއެކު މި ޕްލޭން މެދުވެރިކޮށް ޓްވިޓާ އާއި ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އެލަވަންސްތަކެއް ވެސް ހިމެނޭނެ ކަމަށް އުރީދޫން ބުނެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕްލޭން ތައާރަފްކޮށްފައި ވަނީ، ޑޮކްޓާސް އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު މުހައްމަދު، އަދި އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ ތަވަބަލަން ޕޫބަލަސިންގަމެވެ.
މި ޕްލޭންގައި ހިމެނޭ މުހިންމު ހިދުމަތްތަކުގެ ތެރޭގައި، އުރީދޫ ކްލަބް ޕްރިމިއާގެ ފައިދާތައް ލިބިގެން ދިއުމާއި، 4ޖީ+ ނެޓްވޯކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބިގެންދިއުމުގެ އިތުރުން ވައިބާ އަދި ޓްވިޓާ ހިލޭ ބޭނުންކުރުމުގެ ފުރުސަތާއި ކޮޗްރޭން، ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރުމަށް ހާއްސަ ޑޭޓާ އެލަވަންސެއް ވެސް ލިބިގެންދާނެއެވެ.
"ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއްނެތް ދައުރެއް އަދާކުރޭ. މި ގައުމުގެ އެކިކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތްކުރަމުންދާ އެންމެހާ ޑޮކްޓަރުންނަށް، މުޅި އުރީދޫ ޓީމުގެ ފަރާތުން، ޑޮކްޓަރުންގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަން. އަދުގެ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ޑޮކްޓަރުންގެ މި މުހިންމު މަސައްކަތައް ތަފާތު ގޮތްތަކުން އެއްބާރުލުންދީ، އެބޭފުޅުންގެ އާއިލާ އާއި ގާތްތިމާގެ މީހުންނާ ފަސޭހައިން ގުޅުވާލަދޭ. މިގޮތުން، ޑޮކްޓަރުންގެ ދައުރު އަގުވަޒަންކުރާ މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފްކުރުމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.