ޒަމާނީ ފެންވަރަށް މުވާސަލަތީ ޓެކްނޮލޮޖީ ފަރުމާކޮށްގެން ބާޒަރަށް ނެރެމުން އަންނަ އެޕަލް ކުންފުނީގެ އައިޕެޑް ޕްރޯގެ އެންމެ ފަހުގެ ވާޝަން ޕްރޮމޯޓްކުރުމަށް ދިވެހިރާއްޖެ އިސްތިހާރުކޮށްފިއެވެ.

"ޝޮޓް އޮން އައިފޯން"ގެ ނަމުގައި އެޕަލް ކުންފުނިން ތައްޔާރުކުރާ އިޝްތިހާރުތަކުގެ ޑޮކިއުމަންޓްރީއެއް ހާއްސަކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ ދިރުން ހިމާޔަތް ކުރުމުގެ މައްޗަށެވެ.

ގާތްގަނޑަކަށް 8 މިނެޓެއްހާއިރަށް ދެމިގެންދާ އިޝްތިހާރު ޑޮކިއުމަންޓްރީގައި ފެނިގެންދަނީ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމް.އާރް.ޑަބްލިއު.އެސް.ޕީ)އިން ކުރިއަށްގެންދާ މިޔަރާ ބެހޭ ދިރާސާތަކާ މިޔަރު ހިމާޔަތް ކުރުމަށް އެ މަޝްރޫއުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެވެ. އަދި ޕްރޮކެޓްތަކުގައި ޓެކްނޮލޮޖީ އަދާ ކުރާ މުހިންމު ދައުރާ، އެ ޓެކްނޮލޮޖީގެ ސަބަބުން ކަނޑުގެ ދަރުން ދެމެހެއްޓުމަށް ލިބޭ ފައިދާތަކާ ފަސޭހަތަކެވެ.

އެމް.އާރް.ޑަބްލިއު.އެސް.ޕީގެ ޓީމުން ކަނޑުގެ ދިރުންތައް މޮނިޓާކޮށް، ޑޭޓާ ބޭސް ތައްޔާރުކުރަމުންދަނީ އެޕަލް އައިއޯއެސް އެޕް ބޭނުންކޮށްގެންނެވެ.

އެޕަލް ކުންފުނިން ބުނާ ގޮތުގައި އައިޕެޑް ޕްރޯއަކީ ދަތުރުމަތީގައި އުޅޭ ފަރާތްތަކަށް ހާއްސަ ޑިވައިސްއެކެވެ. މިއީ ދަތުރުގެ ނޯޓްސްތައް ނެގުމުގެ އިތުރުން، ދާން ގަސްތުކުރާ މަންޒިލްގައި ތްރީޑީކޮށް ދަތުރުކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭ ޑިވައިސްއެއްކަމަށް އެޕަލްއިން ބުނެއެވެ. އެޕަލް އިން ސިފަކުރާ ގޮތުގައި އައިޕެޑް ޕްރޯއަކީ ދަތުރުކުރުމަށް އޮތް އާ ގޮތެކެވެ.

ދިވެހިރާއްޖޭގެ ކަނޑުތަކުގެ ދިރުމަށް ހާއްސަކޮށްގެން އެޕަލްއިން ކޮމިޝަންކޮށްގެން "ދަ ރީފް" އިޝްތިހާރު ޑޮކިއުމަންޓްރީ ތައްޔާރުކޮށްފައިވަނީ ޖަރުމަނުވިލާތުގެ ފިލްމް ޑައިރެކްޓާ ސްވެން ދްރީޒްބާޣްއެވެ.