ސަރުކާރުގެ އިސްވެރިޔާގެ ހައިސިއްޔަތުން ގައުމަށް ކަމެއް ކޮށްދެއްވުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ފެއިލްވެވަޑައިގެންފައި ވާކަމަށާ، މޯދީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ފިލްމެއް އުފެއްދުން ހައްގު ނޫންކަމަށް ބުނެ ކުރީގެ އެކްޓްރެސް އަދި މިހާރު ސިޔާސީ މައިދާނާ ގުޅިފައިވާ އުރުމީލާ މަތޯންދްކަރު ފާޑުކިޔައިފިއެވެ.

އުރުމީލާ ދަނީ، ކޮންގްރެސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މުމްބާއީގެ އުތުރު ދާއިރާއިން ލޮކް ސަބާއަށް ވާދަކުރަމުންނެވެ.

މޯދީއަށް ފާޑުކިއުންތައް އަމާޒުކުރަމުން އުރުމީލާ ބުނީ މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދަންވީ ކޮމެޑީ ފިލްމެއް ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަމުން އުރުމީލާ ބުނީ، މޯދީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ޕީ.އެމް ނަރޭންދްރާ މޯދީ"އަކީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ޖެހުނު ޖޯކެއް ކަމަށާ، މޯދީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކީ އިންޑިއާގައި އިންތިހާއަށް ގޮސްފައިވާ ފަގީރުކަމާ، ހަލާކުވެފައިވާ ޑިމޮކްރަސީއަށްވެސް ޖެހި ޖޯކެއް ކަމަށެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓާ ދިމާކޮށް ރިލީޒްކޮށްފައިވާ ފިލްމް "ޕީ.އެމް ނަރޭންދްރާ މޯދީ"ގައި މޯދީގެ ރޯލު އަދާކޮށްފައިވަނީ މޯދީގެ ފޭނެއްގެ ގޮތުގައި އަމިއްލައަށް އިސްތިހާރު ވަމުން އަންނަ ބޮލީވުޑްގެ ތަރި ވިވެކް އޮބެރޯއީއެވެ.