މައުލޫމާތު ހޯދާ ލިބުމާ ނޫސްވެރިކަމާ ނޫސްވެރިންގެ މިނިވަންކަމުގެ ދިފާއުގައި ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުން އަންނަ ރިޕޯޓާޒް ވިތައުޓް ބޯޑާޒްއިން އަހަރަކު އެއްފަހަރު އެކުލަވާލާ ޕްރެސް ފްރީޑަމް ރޭންކިންގް 2019 ގައި، ދިވެހިރާއްޖެއިން 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

ރިޕޯޓާޒް ވިތައުޑް ބޯޑާޒްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖެ ގިންތިކޮށްފައިވަނީ 98 ވަނަ ރޭންކިންގްގައެވެ. 2018 ވަނަ އަހަރު ރާއްޖެ ގިންތިކޮށްފައިވަނީ 120 ވަނާ ރޭންކިންގްގައެވެ.

ދިވެހިރާއްޖެއާއި އަވަށްޓެރި ބައެއް ގައުމުތަކަށް ބަލާއިރު އިންޑިއާ ރޭންކުކޮށްފައިވަނީ 140 ވަނާގައި ކަމަށްވާއިރު ޕާކިސްތާނު ރޭންކުކޮށްފައިވަނީ 142 ވަނާގައެވެ. ސްރީލަންކާ އޮތީ 126 ވަނާގައެވެ. އެހެން ސަރަހައްދުތަކަށް ބަލާއިރު، ނޯވޭއިންވަނީ ލިސްޓުގެ 1 ވަނަ މަގާމު މިއަހަރުވެސް ދިފާއުކޮށްފައެވެ. 2018 ވަނަ އަހަރުވެސް ލިސްޓުގެ 1 ވަނަ މަގާމުގައި އޮތީ ނޯވޭއެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒްއިން 2002 ވަނަ އަހަރުން ފެށިގެން އާންމު ކުރަމުން އަންނަ ޕްރެސް ފްރީޑަމް އިންޑެކްސްއަކީ އެގައުމެއްގެ ނޫސްވެރިންނަށް މިނިވަކަން ފަހިވެފައިވާ މިންވަރުގެ މައްޗަށް ބިނާކޮށް އެކުލަވާ ރޭންކިންގް ޗާޓެކެވެ. މީޑިއާގެ މިނިވަންކަމުގެ ގޮތުގައި ބަލާ ކަންކަމުގެ ތެރޭގައި، މީޑީއާ ގާނޫނުގެ މުއްސަނދި ކަމާ ނޫސްވެރިންނަށް ސަލާމަތްތެރިކަން ހުރި މިންވަރުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރޭންކިންގްއެވެ. އަދި މިއީ ނޫސްވެރިން ލިޔާ ލިޔުންތަކާ ޝާއިއުކުރާ އުފެއްދުންކުގެ ފެންވަރަށް ބަލައިގެން އެކުލަވާލާ ގިންތިއެއްވެސް ނޫނެވެ.