ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ އީޖާދުތަކުގެ ތެރޭގައި ހިމެނޭ ފަތްޖަހާލެވޭ ސްމާޓް ފޯނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާން ފަށައިފިއެވެ.

ގެލެކްސީ ފޯލްޑްގެ ނަމުގައި ތައާރަފުކޮށްފައިވާ ފަތްޖަހާލެވޭ ސްމާޓްފޯނުތަކެއް ދުނިޔޭގެ ނަން މަޝްހޫރު ބައެއް މީޑިއާ އައުޓްލެޓްތަކަށް ސެމްސަންގްއިން ފޮނުވާފައިވާއިރު، މި ފޯނުތަކަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަން އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ފޯނުގެ ފަތްޖަހާލެވޭ ޑިސްޕްލޭގެ ބޭނުން ދެދުވަހެއްގެ ތެރޭގައި ކެނޑިއްޖެކަމަށް އެއް ބަޔަކު ބުނާއިރު، ސްކްރީންގެ މެދުން ބަނޑިވާ ކަމުގެ ޝަކުވާތަކެއްވެސް އަނެއް ބަޔަކު ވަނީ އުފުލާފައެވެ.

ސެމްސަންގް ކުންފުނިންވެސް ވަނީ ގެލެކްސީ ފޯލްޑް ފޯނުތަކަށް މައްސަލަތަކެއް ޖެހެމުން އަންނަ ކަމަށް އިއުތިރާފުވެފައެވެ. އަދި މިމައްސަލަތައް ދިމާވެފައިވަނީ ކީއްވެގެންތޯ ވަކިވަކިން ބަލާ، ހައްލު ހޯދާނެ ކަމަށްވެސް ސެމްސަންގް ކުންފުނިން ވަނީ ބުނެފައެވެ.

ސެމްސަންގްއިން ވަނީ މީޑިއާ ކުންފުނިތަކަށް ރިވުއު ކުރުމަށް ދޫކުރި ފޯނުތައްވެސް އަނބުރާ އަތުލާފައި ކަމަށް ބީބީސީއިން ވަނީ ރިޕޯޓްކޮށްފައެވެ.

ސްމާޓްފޯނުގެ ވާދަވެރި މާކެޓްގައި ކަސްޓަމަރުންނަށް ބޭނުންކުރަން ތައްޔާރުކޮށްފައި އޮތް ފަތްޖަހާލެވޭ ސްމާޓްފޯނެއް ފޯރުކޮށްދިން ފުރަތަމަ ކުންފުނީގެ ރެކޯޑް ސެމްސަންގްއިން ނެގި ނަމަވެސް، އެ ފޯނުގައި މައްސަލަތަކެއް ހުރުމަކީ އެ ޝަރަފު އެކުންފުންޏަށް ހައްގުވާންވީ ސަބަބެއް ނޫންކަމަށް ޓެކްނޮލިޖީގެ ޚަބަރު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.