އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ރައީސް އާއި ނައިބު ރައީސް ހޮވުމަށް އެ ޕާޓީން ނިންމާ ނިންމުމަށް ތާއިދު ކުރައްވާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އަންނަ މަޖިލީހަށް އެމްޑީޕީން ހުށަހަޅާ ރައީސް އަދި ނައިބު ރައީސް ހޮވުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ނަގާ ވޯޓަކީ ސިއްރު ވޯޓެއް ކަމަށް ނިންމައިފިނަމަ އެކަމަށް ތާއިދު ކުރައްވާނެ ކަމަށާއި އަދި އެ ވޯޓަކީ ހާމަކޮށް ނަގާ ވޯޓެއްގެ ގޮތުގައި ނިންމައިފި ނަމަ އެކަމަށް ވެސް ތާއިދު ކުރައްވާނެ ކަމަށެވެ.

"ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ވެސް ޑެޕިއުޓީ ލީޑަރު ވެސް މިހޮވަނީ ސިއްރު ވޯޓަކުން. އެހެންވީމާ މަޖިލިސް ރައީސް ކަމަށް ގިނަ ބަޔަކު ތިބިކަމަށް ވަންޏާމު އެ ނެގޭ ވޯޓު ވެސް ސިއްރު ވޯޓަކަށް ވުން ދެއްތޯ ރަނގަޅީ. ސިއްރު ނޫން ވޯޓެއް ލާނަމަ މިސާލަކަށް ރައީސް ނަޝީދު ވޯޓު ދެއްވާ ބޭފުޅަކަށް އެހެން މެންބަރުން ތާއީދުކޮށް ވޯޓު ދެއްވާފާނެ. ނުކެރިދާނެ އެހެން ފަރާތަކަށް ވޯޓު ދޭން." ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ މަތީ މަގާމުތަކަށް ބޭފުޅަކު ހޮވަން ނަގާ މިފަދަ ވޯޓުތައް ސިއްރުކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެ ހުރެގެން ވޯޓުލުމުގެ ފުރުސަތު ދިނުން ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބު ކުރެއްވި މުހައްމަދު އަސްލަމް "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިހާރުވެސް އެ ޕާޓީގެ ޕާލިމަންޓްރީގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރމުން ގެންދިއުމަށް ތާއީދު ކުރައްވަވާ ކަމަށެވެ. މިހާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި އޮންނަ ގޮތުން ވޯޓު ނަގަން ޖެހޭނީ ހާމަކޮށެވެ. ނަމަވެސް ސިއްރު ވޯޓެއް ނަގަން ޕާލިމަންޓްރީ ގްރޫޕް ތެރޭގާއި ފާސްކުރުމަށްފަހު ވޯޓު ނަގަން ނިންމާ ނަމަ އެކަމަށް އަސްލަމް ތާއީދު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަކު ހޮވުމަށް ނަގާ ވޯޓާ މެދު އޭނާގެ ހިޔާލު ޓްވީޓް ކުރައްވާފައެވެ. އިވާ ވިދާޅުވީ، ވޭތުވެ ދިޔަ 10 އަހަރުތެރޭގައިވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވިއިރު މަޖިލީހުގެ ކަމެއް ފާސްކުރުމުގެ ކުރިން އެ ޕާޓިން ސިއްރު ވޯޓެއް ނަގާފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިރު ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އަންނަ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާނީ އެމްޑީޕީގެ މެންބަރުންނެވެ.