ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީ ގެ 251 ވަނަ މާއްދާ އަށް ގެނައި އިސްލާހު އުވާލަން، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

މި އިސްލާހު އުވާލުމަށް، މަޖިލީހުން ފާސްކުރީ މިއަދު މަޖިލީހަށް ހާޒިރުވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އޭރު ގެނެވުނު އިސްލާހަކީ، ރާއްޖޭގައި އެއްބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާ ފަރާތް ތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ހުށައެޅި އިސްލާހެކެވެ. ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަން ހުށައެޅީ އޭރު ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން އެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް ގެނެވުނު އިސްލާހާއި، ގާނޫނު އަސާސީ އަށް އިތުރު ކުރި 15 ވަނަ ބާބުގައި ވާގޮތުން، ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ އެވެ. އަދި ގާނޫނުއަސާސީގެ 304 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ޕްރޮޖެކްޓެއް ހިންގާ ފަރާތަކަށް ނޫނީ، ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެވޭނީ އެންމެ ގިނަވެގެން 99 އަހަރަށެވެ.

އޭރު ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހު ފާސް ކުރީ 70 މެންބަރުންގެ ތާއީދާ އެކުއެވެ. އޭގެ ތެރޭގައި، މިހާރު ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެންބަރުންނާ، ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ހިމެނެއެވެ. އެ އިސްލާހަށް ވޯޓު ނުދެއްވީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ އެކު ޖުމްލަ 14 މެންބަރުންނެވެ. އެ އިސްލާހު ފާސް ކޮށްފައިވަނީ 22 ޖުލައި 2015 ގައެވެ.

މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގައި، މި އިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. އިސްލާހު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ބީވެގެން ހިނގައިދާނެ ކަމަށެވެ.