ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ވިއުއިން ޕްލެޓްފޯމާ އިންވެގެން ހަދާފައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގަނީ ގަވާއިދާ ހިލާފަށްކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، އެ މިނިސްޓްރީއާ ނިއުޕޯޓް ހިންގާ ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުލި ނުދައްކާ މަސް ނިމިއްޖެނަމަ އިތުރު މުއްދަތެއް ނުދީ އެއްބަސްވުން އުވާލުމުގެ އިހްތިޔާރު އެ މިނިސްޓްރީ އަށް ލިބިގެންވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި ކުލި ނުދެއްކުމުގެ ސަބަބުން މިދިޔަ މާޗްމަހު ހަތް ވަނަ ދުވަހު ސްޓްރާޑާ ކޮމްޕެނީއާ އެކު ވެފައިވާ އެއްބަސް ވުން ވަނީ އުވާލާފައެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ބިން ހުސް ކުރުމަށް ސްޓްރާޑާއަށް ދީފައިވާ މުއްދަތުގައި ބިން ހުސް ކޮށްފައި ނުވުމުގެ ސަބަބުންނާއި އެބިމުގައި ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޮންނަ އުސޫލުގެ މަތިން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ސްޓްރާޑާއާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ފުރަތަމަ އެއްބަސް ވުމެއް އެކުލަވާލީ ބްރިޖްގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތް ހިނގަމުންދާގޮތް އާންމުންނަށް ބެލޭނެ ވިއުއިން ޕްލެޓްފޯމެއް ފުޑް އައުޓްލެޓަކާއި އެކު ތަރައްގީ ކުރުމަށެވެ. އަދި މި އެއްބަސް ވުން ފުރަތަމަ އެކުލަވާލީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހުން ފެށިގެން ތިން އަހަރުދުވަހުގެ މުއްދަތައް ރާޅުގަނޑު ސަރަހައްދުން ބިމެއް ކުއްޔަށް ދިނުމަށެވެ. ނަމަވެސް، 2017 ވަނަ އަހަރު އޭޕްރީލް މަހު 13 ގައި މި އެއްބަސް ވުމުގެ މުއްދަތު ވަނީ އަށް އަހަރު ދުވަހަށް އިތުރު ކުރެވިފައެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމާއެކު ތަރައްގީ ކޮށްފައިވާ ރެސްޓޯރެންޓް މިސަރަހައްދުން ނެގުމަށްފަހު މި ސަރަހައްދު ދެން ބޭނުން ކުރާނީ ޕްލޭނިން މިނިސްޓްރީން ލޮނިޒިޔާރަތްކޮޅު ސަރަހައްދަށް ތައްޔާރުކޮށްފައިވާ ޕްލޭނާއި އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އެ ސަރަހައްދަށް ތައްޔާރު ކޮށްފައިވާ ޕްލޭނަކީ އާންމުންނަށް ހިތްފަސޭހަކޮށްލަން ވަގުތުހޭދަކުރެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައި މި ސަރަހައްދު އެކުލަވާލުން ކަމަށެވެ.