ސިންގަޕޫރުގައި އޯ-ލެވެލް ހެދި 6 ދަރިވަރަކަށް އިމްތިހާނުގައި މަކަރު ހެދުމަށް އެހީތެރިވެދިން ކަމުގެ ކުށުގައި އުމުރުން 33 އަހަރުގެ ޓީޗަރަކު 3 އަހަރަށް ލުމަށް ހުކުމް ކޮށްފިއެވެ.
ސިންގަޕޫރުގެ ޒޫސް އެޑިއުކޭޝަން ސެންޓަރުގެ 4 ޓީޗަރަކާ ދެކޮޅަށް ދައުވާ އުފުލާފައިވާއިރު، ޖަލު ހުކުމް އިއްވާފައިވާ ޓީޗަރަކީ އެންމެ ފުރަތަމަ ކުށަށް އިއުތިރާފުވި ޓީޗަރެވެ. ދައުވާ ލިބޭ އަނެއް 3 މީހުންގެ ތެރޭގައި ޕްރިންސިޕަލްވެސް ހިމެނެއެވެ.
4 މީހުންވެސް އެހީތެރިވެދީފައިވަނީ ޗައިނާގެ 6 ދަރިވަރަކަށެވެ. 2016 ވަނަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގެ އެކި ޕޭޕަރުތަކުގައި މި ދަރިވަރުންނަށް މަކަރު ހެދުމުގެ ފުރުސަތު މި ޓީމުން ފަހިކޮށްދީފައިވާކަމަށްބުނެއެވެ.
މި މީހުން އެހީތެރިވެދީފައިވަނީ އުމުރުން 17 އަހަރާއި 20 އަހަރާ ދެމެދުގެ ދަރިވަރުންތަކަކަށެވެ. އެގޮތުން އިމްތިހާނު ހޯލަށް އެކުދިން ވައްދާފައިވަނީ ގައިގެ އެކި ހިސާބުތަކުގައި ބްލޫޓޫތް ޑިވައިސްތައް ހަރުކުރުމަށްފަހު، އޭގެ މަތިން ހެދުން ލައްވައިގެންނެވެ. އަދި ގައިހަމާ އެއްކުލައިގެ، ފަސޭހައިން ފޮރުވާލެވޭ އިއާފީސްވެސް އެ ދަރިވަރުންނަށ ފޯރުކޮށްދީފައިވާކަމަށްވެއެވެ. އިމްތިހާނު ކަރުދާހުގައި ހުރި ޖަވާބުތައް ދަރިވަރުންނަށް ފޯރުކޮށްދެމުންދިޔައީ މޭމަތީގައި ބޯޑީކެމްއެއް ހަރުކޮށް، ދެތިން ހެދުމުގެ އަޑީގައި ފޯނެއް ފޮރުވައިގެން ޕްރައިވެޓް ކެނޑިޑޭޓެއްގެ ގޮތުގައި އިމްތިހާނު ހޯލަށް ވަދެއިން ޓީޗަރެވެ. ޖަލަށް ހުކުމް އިއްވާފައިވަނީވެސް އޭނާގެ މައްޗަށެވެ. އޭނާ ލިޔަމުންދިޔަ ޖަވާބުތައް ފޯރުކޮށްދެމުންދިޔައީ އައިފޯނުގެ ވީޑިއޯ ކޯލިންގް އެޕްލިކޭޝަން ފޭސް-ޓައިމް ބޭނުންކޮށްގެންކަމަށް ޚަބަރު ލިބެއެވެ.
މައްސަލަ ފެންމަތިވީ އިނގިރޭސި އިމްތިހާނެއް ކުރިއަށްދިޔަ ވަގުތު އެއް ދަރިވަރެއްގެ ހަށިގަނޑުގައި އާދަޔާ ހިލާފު ކަމެއް ހުރިކަން އިންވިޖިލޭޓަރަށް ފާހަގަވީ ހިސާބުންނެވެ.
ދަރިވަރުންނަށް އިމްތިހާނުގައި މަކަރު ހަދަން މަގުފަހިކޮށްދިނީ ޓިއުޝަން ދޭ މަރުކަޒަކުން ކަމަށްވާއިރު، އެ ސެންޓަރާ ޗައިނާގެ ކުންފުންޏަކާ ދެމެދު އަޑިނުބައި އެއްބަސްވުންތަކެއްވެސް އެކުލަވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޓިއުޝަން ސެންޓަރުގެ ޒިންމާއަކަށްވަނީ ޗައިނާގެ ކުދިން އޯލެވެލްއިން ފާސްކޮށްދީ، ސިންގަޕޫރުން ވަޒީފާ ހޯދާދިނުމެވެ. އެކަން ކުރަން ފެއިލްވެއްޖެނަމަ، ޗައިނާގެ ކުންފުނިން އެދަރިވަރުންނަށް ދެއްކި ފައިސާ އަނބުރާ ރީފަންޑުކޮށްދޭން ޖެހެއެވެ.
މިމައްސަލަޔާ ގުޅުންހުރި އިތުރު ޝަރިޔަތްތައް އަދިވެސް ދަނީ ކުރިއަށެވެ.