ރާއްޖެއަށް އަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްވެ އާދަޔާހިލާފަށް ހޫނު ގަދަވެފައިވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދުގެ މެންދުރު ނަމާދަށްފަހު އިސްތިސްގާ ނަމާދު ކޮށްފިއެވެ.

މި ނަމާދު މާލޭގެ އިސްލާމީ މަރުކަޒުގައި ކޮށްފައިވާއިރު އިމާމްވެ ނަމާދު ކުރައްވާ ހުތުބާ ވިދާޅުވެ ދުއާ ކޮށްދެއްވީ ޑރ. މުހައްމަދު އިޔާޒެވެ. އަދި ރަށްރަށުގައި އިސްތިސްގާ ނަމާދު ކޮށްފައިފައި ވަނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައެވެ. މާލޭގަ އާއި ރަށްރަށުގައި ވެސް މިއަދުގެ އިސްތިސްގާ ނަމާދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

އިސްތިސްގާ ނަމާދަކީ ފެނަށް އެދި ކުރާ ސުންނަތް ނަމާދެކެވެ. އަދި އެ ނަމާދު ކުރުމަށް ފަހު ހާއްސަ ހުތުބާއެއް ކިޔާ އިރު ވާރޭ ވެއްސެވުމަށް އެދި ދުއާ ކުރާނެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް އާދަޔާއި ހިލާފަށް ހޫނުގަދަވެ ވާރޭނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ބައެއް ރަށްރަށް ފެނަށް ޖެހިދާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިންވެސް ރާއްޖޭގައި އިސްތިސްގާ ނަމާދު ކޮށްފައި ވެއެވެ. ހޫނު ގަދަވެފައިވާއިރު ބައެއް ރަށްރަށުން މިހާރު ފެނަށް ޖެހިފައި ވާއިރު ބައެއް ފިހާރަތަކުން ވިއްކާ ފެންވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ.