އިންސާނީ ދަރިފަސްކޮޅު ދެމިއޮތުމަށްޓަކައި ކަނޑުތަކަކީ މުހިންމު ދިރުމެއް ކަމަށް ސީޝެލްސްގެ ރައީސް ޑެނީ ފޯރޭ ވިދާޅުވެއްޖެއެވެ.

ސީޝެލްސްގެ ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ކަނޑުގެ 124 މީޓަރު އަޑީގައި ހުންނަވައިގެން ދެއްވި ތަގުރީރެއްގައެވެ.

ސީޝެލްސްގެ ޓީވީއިންވަނީ މިމަންޒަރުތައް ވަގުތުން ދުރަށް ފޮނުވާފައެވެ.

ކަނޑުގެ އަޑީގައި ހުންނަވާ ތަގުރީރުކުރައްވަމުން ސީޝޭލްސްގެ ރައީސް ފޯރޭ ވިދާޅުވީ، ކަނޑުތަކަކީ ދުނިޔޭގެ "ހިތު-ވިންދު"ކަމަށާ، ތާރީހުގައިވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ނުރައްކަލަކާ ކަނޑުތައް ކުރިމަތިލާންޖެހިފައިވާކަމަށެވެ.

ސީޝެލްސްގެ ރައީސް ޑެނީ ފޯރޭ ކަނޑުއަޑީގައި އިންނަވައިގެން ތަގުރީރުކުރައްވަނީ/ފޮޓޯ: ސްކައިނިއުސް

މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގުފަހިކުރުވާ ކިތަންމެ ކަމަކުން ތިމާވެއްޓާ އެ ވެށީގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ދެވިއްޖެކަމަށާ، ފާއިތުވީ އަހަރުތަކުގައި އިންސާނުންގެ ހަރަކާތްތައް ހުރި ގޮތުން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ޖެހޭނެ ބަޔަކީވެސް ޚުދު އިންސާނުން ކަމަށް ސީޝެލްސްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ސީޝެލްސްގެ ރައީސް ކަނޑުގެ އަޑީގައި ހުންނަވައިގެން ތިމާވެށީގެ ތަގުރީރެއް ކުރައްވާފައި މިވަނީ، ސީޝެލްސްގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ފުން ދިރާސާއެއް ކުރުމަށް އިނގިރޭސިވިލާތުން އިސްނަގައިގެން ކުރިއަށްގެންދާ "ނެކްޓަން މިޝަން"ގެ ބައެއްގެ ގޮތުގައެވެ.