އައްޑޫސިޓީގެ މީހުންނަށް ހެލްމެޓް ބެހުމަށް ބާއްވާ އެވެއާނެސް ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް، ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފިއެވެ.

ޓްރާންސްޕޯޓުން ބުނީ، މާދަމާ މެންދުރު 12:00 އިން ފެށިގެން އެވެއާނެސް ޕްރޮގްރާމްގައި ނަންނޯޓު ކުރުމުގެ ފުރުސަތު، އެ އޮތޯރިޓީގެ ވެބްސައިޓުގައި ހުޅުވާލާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ކުޑަކުދިންނަށް ބެހުމަށް ހަމަޖެހިފައިވާ 300 ހެލްމެޓާއި ބެހޭގޮތުން ޓްރާންސްޕޯޓުން ބުނީ، އެ ކަމުގެ މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރި ކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ޕްރޮގްރާމުގެ 3 ވަނަ ބައެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ މަގުމަތީގެ އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލު ބަޔަކަށް ހެދުމާއި ބާރަށް ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއް ކަން އުޅަނދު ދުއްވާ ފަރާތް ތަކަށް ވިސްނައިދިނުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.