މިއަދުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ ވިސާ އެގްޒެމްޕްޓް ކުރުމުގެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް ލުއިފަސޭހަކޮށް އެކިގައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތައިލެންޑާއިއެކު ކުރެވުނު މަޝްވަރާތަކާ ގުޅިގެން އެގައުމުން ދިވެހިންނަށް 30 ދުވަހަށް ވިސާއާއި ނުލައި އެތެރެވެވޭ ގޮތަށް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މި ވިސާ ޕޮލިސީއަށް ތައިލެންޑް ސަރުކާރުން އަމަލުކުރަން ފަށާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ ތައިލެންޑް ހިލޭ ވިސާ ހަމަޖެހުނަސް ސަމާލުވާންވީ ކަންތައްތަކެއް ވެސް އަންގާފައެވެ. އެގޮތުން، ބޭނުންވާ ލިޔެކިޔުންތަކާއި، މުއްދަތު ހަމަނުވާ ޕާސްޕޯޓް (މަދުވެގެން 6 މަސް ދުވަސް) އަދި ފުރިހަމަކުރެވިފައިވާ އެރައިވަލް ކާޑް ހިމެނެއެވެ. މީގެ އިތުރުން އެކަށީގެންވާ އަދަދަކަށް ހަރަދުކުރާނެ ފައިސާ ހުރިކަން (އެކަކަށް ނަމަ 20،000 ބާތް ނުވަތަ އެއަދަދަށް އެމެރިކާ ޑޮލަރު / ޕައުންޑް / ޔޫރޯ، އާއިލާއެއްނަމަ 40،000 ބާތު ނުވަތަ އެއަދަދަށް އެމެރިކާ ޑޮލަރު / ޕައުންޑް / ޔޫރޯ) އާއި ރިޓާން ޓިކެޓް (30 ދުވަހު ތެރޭ އެނބުރި ވަޑައިގަންނަވާ ކަން އެނގޭނޭހެން) އޮތުން މުހިންމު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ވިސާގެ ދަށުން ތައިލެންޑަށް އެތެރެވެފައި، ގަބޫލުކުރެވޭ އުޒުރަކާ ހުރެ މުއްދަތު އިތުރުކުމަށް އެދޭނަމަ ތައިލެންޑް އިމިގްރޭޝަނުން އެއްފަހަރު މުއްދަތު އިތުރުކުރުމުގެ ލުޔެއް ދޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިކަމަށް މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު އޮންނާނީ ތައިލެންޑްގެ އިމިގްރޭޝަނަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެއްގަމު މަގުން ތައިލެންޑަށް އެތެރެވާނަމަ ވިސާއާ ނުލާ އެއްގަމުމަގުން ތައިލެންޑަށް އެތެރެވެވޭނީ އަހަރަކު ދެ ފަހަރު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އަހަރު ގުނޭނީ ކޮންމެ އަހަރެއް 1 ޖެނުއަރީ އިން 31 ޑިސެމްބަރަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ގަވައިދާ ހިލާފަށް ތައިލެންޑުގައި އުޅުމަކީ އެގައުމުގެ ގާނޫނު މަނާ ކުރާކަމެއް ކަމަށާއި، ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެއްކަމަށް ބުނެފައިވެއެވެ. އޭގެތެރޭގައި ވަކި މުއްދަތަކަށް ތައިލޭންޑަށް އެތެރެވުން މަނާ ކުރުމުގެ އިތުރުން ހައްޔަރުކޮށްފައި ބެހެއްޓުން ހިމެނެއެވެ. އަދި ގަވާއިދާ ހިލާފަށް ނުވަތަ އޯވަ ސްޓޭ ވެފައި އެހެންނަމަވެސް ތައިލެންޑުން ފުރުމުގައި އެގައުމުގެ އިމިގްރޭޝަންއިން ނުވަތަ ފުރައިގެން ގޮސް އެހެން ބޯޑަރަކުން އެކަން ފާހަގަވެއްޖެނަމަ ދައްކަންޖެހޭ ޖޫރިމަނާގެ އިތުރުން ކަނޑައެޅިފައިވާ މުއްދަތަކަށް އެގައުމަށް އެތެރެވުން މަނާކުރުން ފަދަ ފިޔަވަޅު އެޅޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ތައިލެންޑް ބޯޑަރުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި؛

އޯވަރ ސްޓޭ ޖޫރިމަނާ ކަނޑައަޅާފައިވަނީ އޯވަރ ސްޓޭވެފައިވާ ކޮންމެ ދުވަހަކަށް 500 ބާތުގެ މަގުން 20،000 ބާތު (40 ދުވަސް ނުވަތަ ދުވަހަށްވުރެ އިތުރުވާ) ނަމައެވެ. އަދި 90 ދުވަހަށްވުރެ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ އިތުރުން އޯވަ ސްޓޭ 90 ދުވަހަށްވުރެ އިތުރުވާނަމަ ފުރާ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތައް، އަދި އޯވަ ސްޓޭ 1 އަހަރަށްވުރެ އިތުރުވެއްޖެނަމަ ފުރާ ދުވަހުންފެށިގެން 3 އަހަރުގެ މުއްދަތައް، އޯވަ ސްޓޭ 3 އަހަރަށްވުރެ އިތުރުވެއްޖެނަމަ، ފުރާ ދުވަހުންފެށިގެން 5 އަހަރުގެ މުއްދަތައް އަދި އޯވަ ސްޓޭ 5 އަހަރަށްވުރެ އިތުރުވެއްޖެނަމަ - ފުރާ ދުވަހުންފެށިގެން 10 އަހަރުގެ މުއްދަތައް އެގައުމަށް އެތެރެވުން މަނާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި އެހެން އިތުރު އިންޓަނޭޝަނަލް ބޯޑަރަކުން ފާހަގަކުރެވިއްޖެނަމަ، އޯވަ ސްޓޭ އެއީ އެއް އަހަރާ ހަމަޔަށް ނަމަ، 5 އަހަރުގެ މުއްދަތައް ތައިލެންޑަށް އެތެރެވުން މަނާކުރެވޭނެއެވެ. އަދި އެއް އަހަރަށްވުރެ ގިނަ ނަމަ، 10 އަހަރުގެ މުއްދަތަކަށް ތައިލެންޑަށް އެތެރެވުން މަނާކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.