ވެލާނާގެ ކައިރީގައި ހަދަމުންދާ އިމާރާތަކުން ރަހަފަތިގަނޑެއް ކާރެއްގެ މައްޗަށް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު 11:59 ހާއިރު ކަމަށާއި، މި ހާދިސާގައި ކާރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައުލޫމާތު ސިޓީ ކައުންސިލާއި ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފް ވިދާޅުވީ ވެލާނާގެ ކައިރީގައި ހަދަމުންދާ އިމާރާތުގެ ސައިޓަށް ސިޓީ ކައުންސިލުން ގޮސް އެކަން ބަލާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބަލަމުންދާ ކަމަށާއި، އެތަން އިިންސްޕެކްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ހަދަމުންދާ އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީހުންނާއި މުދަލަށް ގެއްލުންވާކަމުގެ ރިޕޯޓްތައްވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 10 ހާދިސާއަށްވުރެ ގިނައިން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މާލޭގެ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ އަހަރުގެ ފަހުކޮޅު ކުޑަކުއްޖަކު ވެސް ވަނީ މަރުވެފައެވެ.