ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ދާދި ފަހުން މާލޭގެ ގެސްޓްހައުސެއްގައި ހަތަރު ފިރިހެނަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހަކު ދޫކޮށްލި ހަބަރު އާންމުވުމާ ގުޅިގެން ދުންޔާ ވަނީ ފޭސްބުކުގައި ޕޯސްޓެއް ކުރައްވާފައެވެ. އެނާ ވިދާޅުވީ ގެވެށި އަނިޔާއާ ދެކޮޅަށް ހަރުދަނާ މިންގަނޑުތަކެއް ގާއިމްކޮށް "ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު" ތަންފީޒު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދި އެމަނިކުފާނުގެ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ގެވެށި އަނިޔާއަކީ ރާއްޖެއިން ނައްތާލެވިފައިވާ އެއްޗެއް ކަން ކަށަވަރުކުރުމަށް ދުންޔާ ވަނީ ބާރުއަޅުއްވާފައެވެ.

ދުންޔާ ވިދާޅުވީ ގެވެށި އަނިޔާފަދަ ލާއިންސާނީ އަމަލުތައް ކުރާ މީހުންނަށް ހައްގު އަދަބު ދިނުން އާންމުކުރަންޖެހޭ ކަމަށާ މިފަދަ ކުށްތަށް ހުއްޓުވަން ރާއްޖޭގެ ގާނޫނާއި ސަރުކާރުން އިސްކަމެއް ދޭން ޖެހޭ ކުށްތައް ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންސާފު ގާއިމް ނުކުރެވި ހުރި މިފަދަ މައްސަލަތައް ބަލާ، އިންސާފު ގާއިމް ކުރުމަށް ކޯޓު ތަކުން ބޮޑު އަހައްމިއްޔަތުކަމެއް ދޭން ޖެހިފައިވާ ކަން ވެސް ދުންޔާ ފާހަގަ ކުރެއްވެވިއެވެ.

ދުންޔާ ވިދާޅުވީ ނިޒާމަށް ބަރޯސާ ވެވޭނީ އިންސާފު ގާއިމް ކުރެވިގެން ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ނުލިބުމަކީ އަނިޔާ ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ހިތްވަރު އެލިގެންދާ ފަދަ ކަމެއް ކަމަށެވެ. އަދި މި ފަދަ އަނިޔާއާ ދެކޮޅަށް ބަސް ބުނުމާއި، އަނިޔާ ހުއްޓުވަން އެންމެންވެސް އެއްބާރުލުން ދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި ފަރާތްތަކުގެ ހިތްދަތި ވާހަކަތައް އަޑުއަހާ، އެކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅު އަޅަން ކެރޭނެ ބަޔަކު ރާއްޖޭގައި ތިބެންޖެހޭ ކަމަށާއި ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކާއި އެ ތަހައްމަލު ކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރަން ޖެހޭކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

އެގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ނިޔާވެފައިވާ ޒިޔާދާ އާދަމްގެ ވާހަކައަށް ދުންޔާ ވަނީ ހާއްސަ ސަމާލުކަމެއް ދެއްވާފައެވެ. ދުންޔާ ވިދާޅުވީ ޒިޔާދާގެ އާއިލާގެ ބައެއް މެންބަރުންނާއި ބައްދަލު ކުރުުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށާއި އެ ހިތްދަތި ވާހަކަތައް އެއްސެވިކަމަށެވެ. އަދި އެވާހަކަތައް އަޑުއެއްސެވުމަށްފަހު އެތައް އަހަރުތަކެއް ވަންދެން ޒިޔާދާ ތަހައްމަލު ކުރި ވޭން އެނގިވަޑައިގަތުމުން ބައެއް އިންސާނުންގެ ނުބައިކަމާއި އިންސާނިއްޔަތުކަން ކުޑަ މިންވަރު އިހްސާސް ކުރެއްވުނުކަމަށް އޭނާ ވިދާޅުވިއެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓެމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާ އަކީ އޭނަގެ ފިރިމީހާ ޝާހު، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެެކެވެ. މިކަމާއި ގުޅިގެން ދުންޔާ ވަނީ ކައިވެނީގެ ބޭރުން އަދި ކައިވެނީގެ ތެރޭގައި ހިނގާ ރޭޕަކީ ޤަބޫލު ކުރެއްވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.