އިސްލާމްދީނާއި ދިވެހި ގައުމަށް ހިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަވެރިކަން ކަމުގައި ދެކުމަކީ އެންމެ ބުއްދިވެރިގޮތް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ގައުމުތައް އެއްބަޔަކު އަނެއްބަޔަކަށް ވާދަކޮށް އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާ އިރު، މިންކުރެވޭ ހަމައެކަނި ގޮތަކީ އަސްކަރީބާރުތަކެއް ނޫން ކަމަށެވެ.

"ތަފާތު އިގްތިސޯދީ ބާރުތަކާއި އެހެނިހެން ވަސީލަތްތަކުން ވާދަކުރަމުންދާ ހިނދު އަޅުގަނޑުމެން އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރުމާމެދު ވިސްނަންޖެހޭ. އިގްތިސޯދީ ބާރުތަކާއި އެހެނިހެން ބާރުތަކުން ދުނިޔޭގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާ ހިނދު އަޅުގަނޑުމެން ހަމައެކަނި ގަދަވާންޖެހެނީ އަސްކަރީބާރުންކަމަށް ދެކި ގައުމާއި ދީނުގެ ހިމާޔަތުގައި އަޅުގަނޑުމެން ކުރަންޖެހޭކަމަކީ ހަމައެކަނި ހަނގުރާމަކުރުންކަމުގައި ދެކުމަކީ އަދި އެންމެ ބުއްދިވެރިގޮތް ނޫން" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އެންމެން ވިސްނަންޖެހޭ ހަނދާން އާކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ގައުމާއި ވަތަނަށްޓަކައި އަދާކުރަންޖެހޭ ދައުރަކީ ކޮބައި ކަމާއި، ކޮންމެ މީހަކު އެމީހެއްގެ ގައުމީގޮތުން ނަގަންޖެހޭ ޒިންމާއަކީ ކޮބައި ކަން ވިސްނާ ފިކުރުކުރަން ޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމަށްޓަކައި އަޅުގަނޑުމެން ތެދުވަންޖެހޭ ކިތަންމެ މައިދާންތަކެއް އެބަހުރި. އެގޮތުން ޝަހީދުންގެ އެންމެ އިއްޒަތްތެރި ހަމްޒަތު ބުނު އަބުދުލް މުތަލިބް އާއި މިރޭ މިފާހަގަކުރެވޭ އަލިރަސްގެފާންފަދަ ބޭފުޅުންގެ ވަރުގަދަ ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންޖެހޭ. އެބޭފުޅުންފަދަ ވަރުގަދަ އަޒުމަކާއި ކެރުންތެރިކަން ހުރިބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. އެބޭފުޅުންފަދަ އިލްމީ ގާބިލް ބަޔަކަށް ވެސް އަޅުގަނޑުމެން ވާންޖެހޭ" އިމްރާން ވިދާޅުވިއެވެ.

ދިވެހި ގައުމުގެ ހައްގުގައި ގުރުބާންވެވަޑައިގެންނެވި ބަތަލުންނާއި، އިސްލާމްދީނުގެ ދިފާއުގައި ޝަހީދުވެވަޑައިގެންނެވި ބައެއް ބޭފުޅުންގެ ޒިކުރާ އާކުރައްވާ، އިމްރާން ވިދާޅުވީ އެފަދަ ބަތަލުންގެ ގުރުބާނީން އިބްރަތް ލިބިގަންނަންޖެހޭ ކަމަށެވެ. އަދި އެފަދަ ބަތަލުންގެ ހިތްވަރާއި ކެރުމުން ފިލާވަޅު ލިބިގަނެ، އެފަދަ ހިތްވަރަކާއި ކެރުންތެރިކަމެއް ހުރި ބަޔަކަށްވާންޖެހޭ ކަމަށެވެ. އަދި ހަމައެކަނި ބާރުގަދަކުރަންވީ އަސްކަރިއްޔާ ނޫން ކަމަށާ ކާމިޔާބީއަކީ ހަމައެކަނި ހަނގުރާމަކޮށްގެން ލިބޭ އެއްޗެއް ނޫން ކަމަށާއި، އަސްކަރިއްޔާއަށް ނިސްބަތް ނުވި ނަމަވެސް، ކޮންމެ ދިވެއްސަކީ ވެސް ހިތްވަރާއި ކެރުން ހުރި ބަޔަކަށްވާންޖެހޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.