މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ސްޓިމިއުލަންޓެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވަރުގަދަ ބޭހެއް ކަމަށްވާ އެމްފެޓަމީން (ކެޕްޓަގޮން) ޒާތުގެ 800000 ބޭސްގުޅަ ލުބްނާނުގައި ހިންގި ޑްރަގް ރެއިޑަކުން އަތުލައިގެންފިއެވެ.

ހަށިގަނޑުގެ ބާރާ ޖޯޝު ޖެއްސުމުގެ ގޮތުން އެޑިކްޓުން ބޭނުން ކުރަރަމުން އަންނަ މި ބޭސްގުޅަތައް އަތުލައިގެންފައި ވަނީ ލުބްނާނާ ސައުދީގެ ކަމާ ބެހޭ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި އަތުލައިގަތް ތަކެތީގެ އަގު 12 މިލިއަން ޑޮލަރަށް އަރާ ކަމަށް ޚަބަރު ލިބެއެވެ.

މިތަކެތި އަތުލައިގެންފައި ވަނީ ފިނިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޮރީއެއް ހުއްޓުވައިގެން ފާސްކުރުމުގެ ތެރޭގައެވެ. އެ ލޮރީއިން އެކަނިވެސް 142 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ލުބްނާނުގެ ފުލުހުން މައުލޫމާތު ދެއެވެ.

ކެޕްޓަގޮންއަކީ ސޫރިޔާގެ ހަނގުރާމަގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަރަށް ގަދައަށް ބޭނުންކުރަމުންދިޔަ ޑްރަގެކެވެ. މި ޑްރަގް ބޭނުންކުރުމުން ގިނަ ދުވަސްތަކެއް ނުނިދާ ތިބެވުމުގެ އިތުރުން ގައިގެ ތަންތަނުގެ ހިއްސު ކަނޑުވާލުމުން، ބިރެއް ނެތި އަދި ޖެހިލުމެއްވެސް ނެތި މީހުން މަރުން ފަދަ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގުމަށް ހިތްވަރުދެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ލުބްނާނުގައި ހާއްސަ ރެއިޑެއް ކުރިއަށް ގެންދިޔައީ، އަރަބި ގައުމަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދާކަމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކަށް ލިބުނު އިޝާރާތަކާ ގުޅިގެންނެވެ. އުރުދުންއާއި ލުބްނާން އަދި ސޫރިޔާއަކީ މެދުއިރުމަތީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ދަތުރުކުރާ މަގުތަކެވެ.

ކަންމިހެންއޮތްއިރު، އިންޑިއާގެ ކޯސްޓްގާޑުންވަނީ އަރަބި ގައުމަކުން އިންޑިއާއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަނޑުމަތިން ބޯޓެއް ހުއްޓުވާފައެވެ. އެބޯޓުގައި ތިބި މީހުން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އީރާނުގެ ނުވަ މީހަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ބައިނަލްއަގުވާމީ ފެންވަރުގައި އިންތިހާއަށް ބޮޑުވެ، އަދިވެސް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ، ނުރައްކާތެރި ވަބާއެކެވެ.