ލ. ގަމުގައި ބާރު ސްޕީޑުގައި ދުއްވާފައިި ދިޔަ ސައިކަލެއް ޑިވައިޑަރުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ފަހަތުގައި އިން އަންހެނެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ 1:20 ހާއިރު ގަމު ރީޖަނަލް ހޮސްޕިޓަލް ކައިރިން ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޑިވައިޑަރުގައި ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 29 އަހަރުގެ ފިރިހެން މީހާއާއި ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެމީހުން ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އަންހެން މީހާގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މާލޭގައި ހިނގި އެކްސިޑެންޓުގައި ޕިކަޕުގެ ދަށަށް ސައިކަލް ވަދެފައި / ފޮޓޯ: ޕޮލިސް

މީގެ އިތުރުން ރޭ ފަތިހު މާލޭގައި ހުންނަ ޑޮން ކެފޭ ކުރިމަތިން ދުއްވާފައި ދިޔަ ދެ ސައިކަލެއް މަގުގައި ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިިވަނީ އެއް ސައިކަލެއްގައި ތިބި ދެ މީހުން ކަމަށާއި، އެއް ސައިކަލް ދުއްވަން އިނީ 20 އަހަރުގެ ފިރިހެނަކާއި އެ ސައިކަލުގެ ފަހަތުގައި އިނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެވަނަ ސައިކަލް ދުއްވަން ތިބި މީހުން ސައިކަލް ދޫކޮށްފައި ފިލާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ގައިގެ އެކި ތަންތަނުން ހަންމަށައިގެން ގޮސްފައިވާ ކަމަށާއި، ބޭރުފުށުން ބޮޑު އަނިޔާ އެއް ލިބިފައި ނެތްކަމަށެވެ.

ފަހަކަށް އައިސް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ހިނގަމުންދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު، އެކްސިޑެންޓްތަކުގައި ލިބޭ އަނިޔާ ކުޑަކުރުމަށް ސަރުކާރުން ވަނީ 5000 ހެލްމެޓު ބަހަން ނިންމާ މާލޭގައި ދިރިއުލޭ ފަރާތްތަކަށް 2500 ހެލްމެޓް ބަހާފައެވެ. އަދި ބާކީ ހެލްމެޓްތައް ބޮޑެތި އަތޮޅުތަކަށް ބެހުމަށް ވަނީ ނިންމާފައެވެ.