ތާރީހުގެ ތެރެއަށް ބަލާއިރު، ރާއްޖެ އަޅުވެތިކުރަން ބަޔަކު ކުރި މަސައްކަތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަމުގެ ތެރެއަށް ވަދެ، ގޯސްތަކެއް ހަދާފައި އޮތްކަން ފެންނަން އެބައޮތް ކަމަށާއި، މިއަދު އެކަންކަމަށް ސަމާލުވާން ޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ބަވަނަވެފައިވާ ދުނިޔެއެއްގައި، ތަފާތު އެކި އޮއިވަރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި ކަމަށާއި، އަޅުގަނޑުމެންގެ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށެވެ. އަލީރަސްގެފާނު ޝަހީދުވި ހާދިސާއަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ ތާރީހުގެ ތެރެއަށް ބަލައިލާއިރު، އަބަދުވެސް ފެނިފައި އޮތީ މިފަދަ ހާދިސާތައް ހިންގުމުގައި، ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަމުގެ ތެރެއަށް ވަދެ، ގޯސްތަކެއް ހަދާފައި އޮތްކަމެވެ.

"އެއީ މިއަދު އަޅުގަނޑުމެން ސަމާލު ވާންވީ ކަންކަން. އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި އަގުބޮޑު ހަދިޔާ، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު އޮތުމަކީ އެއީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ތާރީހުން ދައްކުވައިދީފައި ހުރި އަގުހުރި ފިލާވަޅުތައް ސްކޫލް ކުދިންގެ ތެރޭގައި ދަސްކުރެވި، އޭގެ މައްޗަށް ލިޔެވެންޖެހޭ ކަމަށެވެ. އަދި ދިވެހިންނަށް ލިބިފައިވާ ހިތްހަމަޖެހުމަކަށް މިވަނީ އަޅުގަނޑުމެންގެ ތާރީހާއި، ތާރީހުގެ މުއްސަނދިކަން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ސްކޫލްގެ ފިލާވަޅުތަކުގެ ތެރެއަށް މި މުއްސަނދިކަން ލައި، އަޅުގަނޑުމެންގެ ދަރިވަރުންގެ ހިތްތަކުގައި އަޅުގަނޑުމެން އެބަޖެހޭ، މިކަންތައްތައް އަށަގަންނުވަން" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެބޮޑު ހަދިޔާއަކީ ކާބަފައިންނާއި، އަބްތާލުން، އަޅުގަނޑުމެންނަށް ގެނެސްދިން މިނިވަންކަންމަތީ މި ގައުމު ދެމިއޮތުން ކަމަށެވެ.