ވާރޭ ނުވެހޭތާ ގިނަ ދުވަސް ވުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދު ކުރަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމާފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އަންނަ ހޯމަ ދުވަހުގެ މެންދުރު ނަމާދަށް ފަހު އިސްތިސްގާ ނަމާދު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި އިސްތިސްގާ ނަމާދު ކުރަން އިސްލާމީ މަރުކަޒުގައި ހަމަޖެހިފައި ވާއިރު، ރަށްރަށުގައި އެ ނަމާދު ކުރަން ހަމަޖެހިފައިވަނީ އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްތިސްގާ ނަމާދަކީ ފެނަށް އެދި ކުރާ ސުންނަތް ނަމާދެކެވެ. އަދި އެ ނަމާދު ކުރުމަށް ފަހު ހާއްސަ ހުތުބާއެއް ކިޔާ އިރު ވާރޭ ވެއްސެވުމަށް އެދި ދުއާ ކުރާނެ އެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް އާދަޔާއި ހިލާފަށް ހޫނުގަދަވެ ވާރޭނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ބައެއް ރަށްރަށް ފެނަށް ޖެހިދާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިންވެސް ރާއްޖޭގައި އިސްތިސްގާ ނަމާދު ކޮށްފައި ވެއެވެ.