ޑެންގީ ހުންޖެހިގެން އައިޖީއެމްއެޗް ގެ އައިސީޔޫގައި ފަރުވާ ދެމުންދާ 5 އަހަރުގެ ކުޑަ އަންހެން ކުއްޖާ ވޯޑަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވި ގޮތުގައި، އެ ކުއްޖާގެ ހާލަތު މިހާރު ސްޓޭބަލް ވެފައިވާތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވޯޑަށް ބަދަލު ކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން މިހާރު ދަނީ ކުރަމުންނެވެ.

އެ ކުއްޖާގެ މަންމަ ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، އެ ކުއްޖާ މާލެ ގެނައީ މާފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، 3 ދުވަސްވީ އިރުވެސް ހުން މަޑު ނުވާތީ އެވެ. އަދި އައިޖީއެމްއެޗަށް ދެއްކުމުން އެ ކުއްޖާ ޑެންގީ އަށް ޕޮޒިޓިވް ވެ، އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

"ޑޮކްޓަރުން ބުނީ ޑެންގީ އަށް ޕޮޒިޓިވްވެފަ ފަރުވާދިނުން ލަސްވީމަ ލިވާއަށް އަސަރު ކޮށްފައޭ ހުރީ، އެހެންވެ އެންމެ ރަނގަޅަށް ފަރުވާ ދެވޭނީ އައިސީޔޫގައޭ. މިހާރު މިކުއްޖާގެ ހާލަތަށް ބަލާއިރު ފެންބޯކަށް ނޭނގެ. ބޮޑުކަމުދެވި ކުޑަކަމުދެވޭކަމެއް ނޭނގެ. އެއްޗެއްގަ ހިފަހައްޓަން ބުނުމުން ހިފަހައްޓާކަށް ނޭނގެ. މަންމަ ވަކި ކުރާކަށް ނޭނގެ. ޑޮކްޓަރުން ބުނަނީ ސިކުނޑިއަށް ޝޮކެއް ލިބިފައި ހުރީމަ ރެސްޕޮންޑު ނުކުރަނީ އޭ" އޭރު އެކުއްޖާގެ ހާލަތާ ބެހޭގޮތުން ކުއްޖާގެ މަންމަ ލިޔެފައި ވެއެވެ.

މި ދުވަސްވަރަކީ ޑެންގީ އާއި ޗިކުން ގުންޔާ ފަދަ މަދިރިން ޖެހޭ ބަލިތައް ރާއްޖޭގައި އިންތިހާއަށް ފެތުރިފައިވާ ދުވަސްވަރެކެވެ. އަދި އެ ފަދަ ބަލިތައް އިތުރުވަމުން ދާތީ، ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސިއްހީ އިދާރާތަކުން ވަރަށް ގިނައިން އިލްތިމާސް ކުރަމުން ދެއެވެ.