އަނގައިގެ ކެންސަރަށް މަގުފަހިވާ ބައެއް ކަންތައްތައްތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ މާހައުލާ ގުޅިފައިވާ ކަންތައްތަކެވެ.

އަނގައިގެ ކެންސަރަށް މަގުފަހިވާ މިފަދަ ކަންތައްތަކަށް ސަމާލުވުމަށް 'ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް' އިން އިލްތިމާސް ކުރެއެވެ. ކެންސާ ސޮސައިޓީން މިއަދު ކުރި ޓްވީޓެއްގައި އެ ޖަމްއިއްޔާއިން ވަނީ އަހަރެމެންގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅިއާ މާހައުލާ ގުޅިފައިވާ ބައެއް ކަންތައްތައް ފާހަގަ ކޮށްފައެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުން އަދި ރާބުއިމުގެ އިތުރުން އިރުގެ ދޯދި އެޅުމަކީ އަނގައިގެ ކެންސަރަށް މަގުފަހިވާ ކަންތައްތަކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުފުމަށް ބޭނުންކުރާ ފޯކުގައި އަނގައިގެ ކެންސަރަށް މަގުފަހިކޮށްދޭ މާއްދާއެއް ކަމަށްވާ 'އެރިކޮލީން' ހިމެނޭ ކަމަށް ކެންސާ ސޮސައިޓީން ބުނެއެވެ. އެ ޖަމްއިއްޔާއިން ވަނީ ފޯއް ބޭނުންކުރުމުގެ ބަދަލުގައި ރަނގަޅީ ސިއްހަތަށް ފައިދާ ކުރަނިވި ކަރަންފޫ، ކާފޫރުތޮޅި އަދި ފޮނިތޮށި ބޭނުންކުރުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

އެ ޖަމްއިއްޔާއިން ބުނީ އަނގައިގެ ކެންސަރަކީ ކުރީބައިގައި ދެނެގަނެވިއްޖެނަމަ ފަރުވާކުރަން ފަސޭހަވާ ބައްޔެއް ކަމަށާއި މި ބަލީގެ އަލާމާތްތަކުން އަލާމާތެއް ނުވަތަ އަލާމާތްތަކެއް ފެނިއްޖެނަމަ ލަސްނުކޮށް ދަތުގެ ޑޮކްޓަރެއް ނުވަތަ ސިއްހީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުން މުހިންމުކަމަށެވެ.

އަނގައިގެ ކެންސަރުގެ ބައެއް އަލާމާތްތައް:

  • ގަނޑުލުން، ދުޅަވުން، ބޯވުން
  • ކުލަ ބަދަލުވުން
  • ދަތްޕިލައިގެ އެތެރުމަށް ބަދަލެއް އައުން ނުވަތަ ވަކި ސަބަބެއް ނެތި ދަތް ހެލުން
  • މޫނުމައްޗާއި ކަރަށް ބަދަލު އައުން
  • ވާހަކަ ދެއްކުމަށާއި އަޑަށް ބަދަލެއް އައުން
  • ހެފުމާއި ދިރުވުމަށް އުނދަގޫވުން
  • ހިރުގަނޑު ދުޅަވެ ބޯވުން
  • އަނގަ ހުޅުވަން އުނދަގޫ ވުން
  • އާދަޔާ ހިލާފަށް ހުންއައިސް ވަރުބަލިވުން
  • ބަރުދަން ލުއިވުން

ކެންސާ ސޮސައިޓީން މީގެ ކުރިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުންނަށް ޖެހޭ ކެންސަރު ބައްޔަކީ އަނގައިގެ ކެންސަރެވެ.