މިދިޔަ މާޗް މަހު ލަންކާގެ މަސްބޯޓަކުން ހައްޔަރު ކުރި 21 މީހުން ލަންކާ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހާއާ ރާއްޖޭގެ ސަރުކާރުގެ އިސް ފަރާތްތާކައި ކުރެވުނު މަޝްވަރާތަކަށް ފަހު އަނބުރާ ލަންކާއަށް ފޮނުވާލައިފިއެވެ.

ކޯސްޓްގާޑުން އަތުލި ލަންކާގެ ހަތަރު މަސް ބޯޓުގައި ޖުމްލަ 25 މީހުން ތިބި އިރު ލަންކާއަސް އަނބުރާ ފޮނުވާލާފައިވަނީ 21 މީހުންނެވެ. މި މަސްވެރިން ބުރާސްފަތި ދުވަހު ސްރީލަންކަން އެއާލައިންގެ ފްލައިޓަކުން އެ ގައުމަށް ގޮސްފައިވާ ކަން ލަންކާގެ ޑެއިލީ މިރާއިން ކަށަވަރުކޮށްދެއެވެ. ނަމަވެސް އެ އަނެއް ހަތަރު މީހުން ދޫކޮށްލާފައި ނުވަނީ ކީއްވެކަން އަދި ނޭނގޭ ކަމަށް އެނޫހުން ބުނެއެވެ. މި މައްސަލާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކޯސްޓަގާޑުން މި މަސްވެރިން ހައްޔަރުކުރީ ހއ.ކެލާގެ އިރު އުތުރުން ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ. ކޯސްޓްގާޑުން ބުނީ ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލުން މަސްވެރިކަން ކުރަން އުޅެނިކޮށް ފުރަތަމަ ފެނުނީ ދެބޯޓު ކަމަށެވެ. އަދި ކޯސްޓްގާޑުގައި އޮންނަ އެންމެ ބޮޑު ބޯޓް "ހުރަވީ" އިން އެ ދެބޯޓު ހިފަހައްޓާ ހދ.ކުޅުދުއްފުށްޓަށް ގެނައުމަށް މިސްރާބު ޖަހާފައި ވަނިކޮށް އަނެއްކާ އިތުރު 2 ބޯޓު ފެނިގެން އަތުލި ކަމަށެވެ.

ރާއްޖެއަކީ ކަނޑުގެ މަސްވެރިކަމަށް މަގުބޫލު މަންޒިލެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ކަމާ ވަސީލަތްތަކުގެ މަދުކަމުން ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި ނަމަވެސް ހޯދައިގަތުމަކީ ކުރިން އޮތް ގޮންޖެހުމެކެވެ. ނަމަވެސް ކޯސްޓްގާޑުން ދާދި ފަހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުން ގެންދާ ކަމަށެވެ.