ނ.މާފަރު އެއާޕޯޓުގެ މަސައްކަތް ނުނިމިގެން އުޅެނިކޮށް، އެ އެއާޕޯޓްގެ ރަންވޭއަށް ބިސް އެޅި ވެލާ، ދުނިޔޭގެ ހަބަރުތަކުގެ ސުރުހީއަށް އަރައިފިއެވެ.

މާފަރު އެއާޕޯޓުގެ ރަންވޭއަށް އަރާ ބިސްއެޅި ބޮޑު ކަޅު ވެލާގެ، ފޮޓޮއެއް މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާއެކު، އެ ފޮޓޯއަށް ގިނަ ދިވެހިންގެ ސަމާލުކަން ވަނީ ލިބިފައެވެ. ނަމަވެސް، މިހާރު މި ވެލާ ދަނީ ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. ފޮޓޯއިން ފެންނަ ގޮތުގައި، އެ ވެލާ ވަނީ ރަންވޭ މައްޗަށް 3 ބިސް އަޅާފައެވެ.

ބައިނަލްއަގްވާމީ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް އޮންލައިން' އަދި 'ދަ އިންޑިޕެންޑެންޓް' އިން ދުނިޔޭގައި މަދުން ފެންނަ ބާވަތެއްގެ ވެލާ ކަމަށްވާ، ކަޅު ވެލައެއް އެއްވެސް އިތުރު ގޮތެއް ނެތިގެން ރާއްޖޭގެ އެއާޕޯޓެއްގެ ރަންވޭ މައްޗަށް ބިސް އަޅާފައިވާކަމަށް ބުނެ ހަބަރެއް ލިޔެފައިވެއެވެ. މި ނޫސްތަކުގައި ބުނެފައިވާ ގޮތުން މި ބާވަތުގެ އަންހެން ވެލައަކީ އެ ވެލައެއް އުފަންވި ތަނަކަށް ބިސް އަޅަންދާ އެއްޗެއް ކަމަށާއި މި ވެލާ ބިސް އަޅަން ދިޔަ އިރު ރަށު އަތިރިމަތީގައި އޮތީ ރަންވޭ ހަދާފައި ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ "އިންޑިއާ ޓައިމްސް" ނޫހުގައި ވެސް މިހާދިސާއަކީ ހިތާމަވެރި ހާދިސާއެއް ކަމަށް ބުނެ ހަބަރެއް ލިޔެފައިވެއެވެ. އަދި އެ ނޫހުގައި ވަނީ އެ ހާދިސާއާ ގުޅިގެން ދިވެހިން ކޮށްފައި ހުރި ބައެއް ޓްވީޓްތައްވެސް ހިމަނާފައެވެ.

ރަންވޭ މައްޗަށް ބިސް އެޅި ހާދިސާއަށް ފަހު މާފަރު ރައްޔިތުން ވަނީ ސަލާމަތްތެރިކަމާއި އެކު އެ ވެލާ މޫދަށް ދޫކޮށްލާފައެވެ.

އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް، 2200 މީޓަރުގެ ރަންވޭ އަކާއެކު، ހަދަން ފެށި މާފަރު އެއާޕޯޓަށް، 1000 މީޓަރު އިތުރު ކުރަން، އެއާޕޯޓު ތަރައްގީ ކުރާ ކުންފުނިން މިހާރު ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހަމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އޭރުން ދުނިޔޭގެ އެންމެ ބޮޑެތި، އޭ 380 މަރުކާގެ މަތިންދާބޯޓު މާފަރު އެއާޕޯޓުގައި ޖެއްސޭނެ ކަމަށެވެ.

މާފަރު އެއާޕޯޓަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ސިންގަޕޫރުގެ 'ޓަފް އޮފްޝޯ' ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.