ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން އަނެއްކާ ޖަލަށް ލުމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

މި ދެ މީހުން ބަންދުކޮށްފައި ތިބީ ޝަރީއަތް ނިމެންދެނެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ޝަރުތުތަކެއްގެ ދަށުން އެމީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ބަންދަށް ލުޔެއް ދިނުމަށް އެ ދެ މީހުންގެ ފަރާތުން ހުށަހެޅުމާއި ގުޅިގެންނެވެ.

މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އިއްޔެ ކަރެކްޝަންސްގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވަނީ މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

މިހާރު ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ އިބްތިދާއީ މަރުހަލާ ކުރިއަށް ދާއިރު މި ދެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެމީހުންގެ މައްޗަށް އަންނާނެއެވެ.

އޮގަސްޓް 2017 ގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ތުހުމަތުގައި މިފަދަ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ދެމީހުންނަކީ ޏ. ފުވައްމުލަކު އަލުވިމާގޭ ހުސައިން އަފީފާއި ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގް އަލީއެވެ.