މީސްތަކުންގެ އަމަލުތައް ﷲގެ ހަޟްރަތުގައި އުފުލިގެންދާ މަހަކީ ޝައުބާން މަސް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ޝައުބާންމަހު ރޯދަހިފުން ގިނަކުރުމުގެ ދެ ހިކުމަތެއް ވާކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ހިކުމަތަކީ ޝައުބާންމަސް ވަނީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި ކަމުން މީސްތަކުން އެމަހަކާމެދު ޣާފިލު ވެފައިވާތީ އެ ޣާފިލުކަމުން މީސްތަކުން ހޭލައްވާލުމެވެ. ދެވަނަ ހިކުމަތަކީ މީސްތަކުންގެ އަމަލުތައް ﷲގެ ހަޟްރަތަށް އުފުލިގެންދާ މަހަކީ ޝައުބާންމަސް ކަމަށްވުމާއި ﷲ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުން މަތީ އެ އިލާހުގެ އަޅުތަކުން ތިބޭ ހާލު، އެ އަޅުތަކުންގެ އަމަލުތައް ﷲގެ ހަޟުރަތަށް އުފުލިގެންދާނެ ގޮތް މިންވަރު ކުރެއްވުމެވެ.

ޝައުބާން މަހު ރޯދަހިފުން ގިނަކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަދި ﷲގެ ހަޟްރަތުން ދަރުމައާ ސަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު އެތަށް ހާސް ދުރުމިނަކުން ނަރަކައާ ދުރުކުރައްވާނެ ކަމަށް ހުތުބާގައި ބުނެއެވެ.

"މާތްﷲގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ހަރީފުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ."

މީގެ އިތުރުން ހުތުބާގައި ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޝައުބާންމަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއްކަމަށެވެ. ޝައުބާންމަހު ގިނަ ގިނައިން ރޯދަ ހިފުމުން ރަމަޟާން މަސް އަންނަން ވާއިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރު ވާކަމަށް ވެސް ހުތުބާގައި ބުންޏެވެ.