އިންޑިއާގެ އެނާޖީ އެފިޝެންސީ ސާވިސަސް ލިމިޓެޑް (އީއީއެސްއެލް) އިން ރާއްޖެއަށް ހަދިޔާ ކުރި ލެޑް ލައިޓުތަކުން ކޮންމެ ގޭބިސީއަކަށް ދެ ލައިޓުގެ މަގުން ބަހަން މިނިސްޓްރީ އޮފް އެންވާރަމަންޓުން ނިންމައިފިއެވެ.

އީއީއެސްއެލުން ރާއްޖެއަށް 200،000 ލެޑް ލައިޓު ހަދިޔާ ކުރިއިރު، އޭގެ ތެރެއިން 5،000 ލެޑް ލައިޓް ގޭބިސީތަކަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އެންވާރަމެންޓުން ވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ. މިއަދު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލެޑް ލައިޓުތައް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު މުހައްމަދާ ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް އެންވާރަންމަންޓް، ޑރ.ހުސައިން ރަޝީދު ހަސަނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރަޝީދު ވިދާޅުވީ މި ލެޑް ލައިޓުތަކަކީ ތިމާވެއްޓާ ރަހުމަތްތެރި، ކަރަންޓު ހަރަދު ކުޑަ ލައިޓުތަކެއް ކަމަށާއި މި ލައިޓުތަކުން ދުވާލަކަށް 9،600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށެވެ.

އީއީއެސްއެލުން ރާއްޖެއަށް 200،000 ލެޑް ލައިޓު ހަވާލުކޮށްފައި ވަނީ އެންވާރަމެންޓް މިނިސްޓްރީއާ އީއެސްއެލާއި މެދު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.