އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހެލްމެޓު ބެހުމަށް ބާއްވާ އެވެއާނެސް ޕްރޮގްރާމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުން ފެށިގެން ލިބޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ޕްރޮގްރާމަށް ނަން ނޯޓު ކުރެވޭނީ އަންނަ ހޯމަ ދުވަހުން ފެށިގެން އެ އޮތޯރިޓީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 700 ހެލްމެޓް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ހެލްމެޓް ބެހުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބާއްވާ ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރިކަން ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުން ހިމެނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމުގައި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއް އުޅަނދު ދުއްވާފަރާތްތަކަށް ވިސްނާދިނުމާއިއެކު ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުން ވެސް ހިމެނެއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް http://www.transport.gov.mv މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެއެވެ. އަދި ނަން ނޯޓު ކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންނަށް ކަމަށް ވުމާއި އެކު އެއަށްވުރެ އިތުރަށް ސިސްޓަމުން ނަންނޯޓް ނުކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މި ޕްރޮގްރާމް މާލޭގައި ހިންގާ 3000 ހެލްމެޓް ވަނީ ބަހާފައެވެ.