ހދ. ނެއްލައިދޫ އަށް ގެނައި އާ ޖަނަރޭޓަރު ބަހައްޓާނެ ތަނެއް ނެތި އެރަށު ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭގޮތް ނުވެފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެއްޖެއެވެ.

ނެއްލައިދޫން ކަރަންޓު ކެނޑޭ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ފެނަކައިގެ ޓެކްނިކަލް ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ. މި ޓީމުން ކުރާ މަސައްކަތުގެ ތަފްސީލް ހޯދުުމުގެ ގޮތުން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، އެރަށުގެ ކަރަންޓުގެ މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެރަށުގައި ހުރި ޖަނަރޭޓަރުތައް އޯވަހޯލް ކުރުމަށް މިހާރު 180 ކިލޯ ވޯލްޓްގެ އާ ޖަނަރޭޓަރެއް އެރަށަށް ގެނެސްފައިވާ ކަމަށާއި މި ޖަނަރޭޓަރު ބަހައްޓާނެ ޖާގަ އިންޖީނު ގޭގައި ނެތުމުން އިންޖީނުގޭގެ ބޭރުގައި ޖަނަރޭޓަރު ބަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޖަނަރޭޓަރު އަންނަ ހޮނިހިރު ދުވަހަށް އިންސްޓޯލްކޮށް ނިމޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެރަށުގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ކުރިން އެރަށުގައި ހުރި 120 ކިލޯ ވޯލްޓްގެ ދެ ޖަނަރޭޓަރު އޯވަހޯލް ނުކޮށް މާގިނަ ދުވަހަށް ބޭނުން ކުރުމުން ކަމަށެވެ. އޯވަހޯލް ނުކުރުމުގެ ސަބަބުން މި ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެނީ އެންމެ 100 ކިލޯ ވޮލްޓަށް ކަމަށާއި މި ޖަނަރޭޓަރުތައް އޯވަހޯލް ކުރުމަށް އެރަށަށް ކުރިން ގެނައި 120 ކިލޯ ވޯލްޓްގެ ޖަނަރޭޓަރުން ވެސް ކަރަންޓު ފޯރުކޮށްދެނީ އެންމެ 50 ކިލޯ ވޯލްޓަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަނަރޭޓަރުތައް އޯވަހޯލް ނުކުރެވި ހުރީ ރަށުން ކަރަންޓު ކަނޑާ ނުލާ ޖަނަރޭޓަރުތައް އޯވަހޯލް ކުރެވެން ނެތުމުން ކަމަށާއި، މިހާރު ރަށުގެ ރައްޔިތުންނަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ނެއްލައިދޫން ކަރަންޓު ކެނޑި، ކޮޓަރިތައް ހޫނު ވުމުން މިދިޔަ ހޯމަ ދުވަހުގެ ރޭ އެރަށުގެ ކުޑަކުދިން ނިންދެވީ މަގުމަތީގައެވެ. ނެއްލައިދޫއިން އިރުއިރުކޮޅާ ކަރަންޓު ކެނޑޭތާ ދެ މަހެއްހާ ދުވަސް ވަނީ ވެފައެވެ. އެރަށު ސްކޫލުން ވެސް ކަރަންޓު ދާތީ ކިޔަވައި ދިނުމަށް ދަތިވެފައި ވާއިރު ހޫނުކަމުން ބައެއް ފަހަރު ކްލާސް ރޫމުން ބޭރުގައި ވެސް ކިޔަވައިދޭން ޖެހެއެވެ. ނެއްލައިދޫ ރައްޔިތުން ވަނީ ކަރަންޓު ކެނޑޭތީ މުޒާހަރާވެސް ކޮށްފައެވެ.