ތައިލެންޑް ގެ ވެރިރަށް ބެންކޮކްގެ ސެންޓްރަލް ވޯލްޑް ކޮމްޕްލެކްސްގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީން އިން ބުނީ ގިނަ އަދަދެއްގެ ދިވެހިން އެތަނަކަށް ޒިޔާރަތް ކުރާ ބެންކޮކްގެ އެންމެ ބޮޑު މޯލް ކޮމްޕްލެކްސްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ. އެ ކޮމްޕްލެކްސްގައި މޯލަކާއި، ހޮޓަލެއްގެ އިތުރުން ކޮންވެންޝަން ސެންޓަރަކާއި އޮފީސް ޓަވަރެއްވެސް ހުރެ އެވެ.

އެ ހާދިސާގައި 2 މީހުން މަރުވެ، 17 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާކަމަށް ތައިލެންޑް ގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އެ ރިޕޯޓު ތަކުގައި ވާ ގޮތުން އެ ހާދިސާ ހިނގުމާއެކު އިމާރާތުގައި ތިބި މީހުން ހުސްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފަޔާފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް، ހާދިސާ ހިނގުމުގެ 4 ގަޑި އިރު ފަހުން ވެސް އެ ސަރަހައްދުން ދުމުގެ އަސަރު އަދިވެސް ނުފިލާ ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި ދުމުގެ އަސަރު ފިލުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.