ފަޅު ރަށެއް ކަމަށް ވާ އދ.އަރިޔަދޫ ގައި އަލިފާން ރޯވެ އަނދަމުން ދާތީ، މާމިގިލި އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ޓީމް އެރަށުގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.

އަރިޔަދޫގައި އަލިފާން ރޯވެފައިވަނީ މިއަދު މެންދުރު 14:40 ހާއިރުކަމަށް ފުލުހުން ބުނެއެވެ. އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުމާއި އެކު އެއަތޮޅު މާމިގިލި އެއާޕޯޓުގެ ފަޔާ ޓީމް މިހާރު ދަނީ އެރަށުގައި ހަރަކާތްތެރި ވަމުންނެވެ.

އދ.އަރިއަދޫ ގައި ރޯވެފައިވާ އަލިފާންގަނޑު

އަލިފާން ރޯވީ ކިހިނެއް ކަމެއް ނުވަތަ މީހަކު ރޯކޮށްލީ ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ހިނގާ އަލިފަނުގެ ހާދިސާތަކަށް ބަލާއިރު ރޭ މެންދަމު 3:45 ހާއިރު ގ.ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. މި ހާދިސާގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހަތް މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އެތަނުން އެކަކު ވަރަށް އަވަހަށް ދޫކޮށްލާފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.

ދުމުގެ އަސަރު ކޮށްގެން އައިޖީއެމްއެޗް ގައި ފަރުވާ ދިން ހަ މީހުންގެ ތެރެއިން 5 މީހަކު ފަރުވާއަށް ފަހު މިހާރު ދޫކޮށްލާފައި ވާކަމަށް އައިޖީއެމްއެޗުން ބުނެފައިވާއިރު އޭގެތެރެއިން އެކަކު އޮބްޒަވޭޝަން ގައި ބާއްވާފައި ވާކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.