މިދިޔަ ފެބްރުއަރީ މަހު ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުކުރި އިބްރާހިމް ފަޒީލް ލ.ގަން މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފިއެވެ.

ފަޒީލްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ގެންދިއުމުން ވަކި ޝަރުތުތަކެއް ކުރުމަށް ފަހު ކޯޓުން ވަނީ ފަޒީލް ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޝިމާގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުމުގެ ތެރޭގައި ފުލުހުން އަތުލައިގަތުމަށް ފަހުއެވެ.

މިދިޔަ މަހު 10ގައި ލ.މާމެންދޫ އިން، ޝިމާގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް ފުލުހުގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެއެވެ. "ދަޕްރެސް" އާއި ވާހަކަދައްކަމުން ޝިމާގެ ބޭބެ އަހުމަދު ޝައިނީ ނާފިޒު ވަނީ އެޑިންގީގައި އިނީ ޝިމާގެ ހަގަށް ހުންނަ 16 އަހަރުގެ އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖެއް ކަމަށް ބުނެފައެވެ. ޝައިނީ ކިޔައިދިން ގޮތުގައި ފަޒީލަކީ ޝިމާގެ ކޮއްކޮ އާ ރައްޓެހިވެގެން އުޅުނު މީހެއް ކަމަށާއި ޑިންގީއަށް އަރުވައިގެން ގެންދިޔައީ ރައްޓެހިވެގެން އުޅުނު ކުއްޖާގެ އެއްމާބަނޑު ކޮއްކޮ ކަމަށެވެ.

ޝިމާ ގެއްލުނު ހާދިސާގައި ފަޒީލް ސިކްސް ސެންސް ރިސޯޓަށް އެރީ އޮޔަބާރު ކަނޑެއްގައި އެތައް ގަޑި އިރަކު ފަތާފައި ކަމަށް އޭނާ ބުނެފައިވެއެވެ. ޝިމާ ގެއްލުނު ކަނޑުއޮޅި އަކީ ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރު ހުންނަ ދިގު ކަނޑު އޮޅިއެކެވެ. ޑިންގީ ބަންޑުން ޖަހާލީ ކަނޑުއޮޅީގެ މެދެއްހާ ހިސާބުން ކަމަށް ވާއިރު މި ކަނޑުއޮޅިން ފަތާފައި ހިކިފަސް ތަނެއް ހޯދަން ދެ ކިލޯމީޓަރު ކަޑައްތު ކުރަން ޖެހޭނެއެވެ.

ފަޒީލްއާއެކު ހައްޔަރުކޮށްފައިިވާ އަނެއް ދެ މީހުންވެސް ވަނީ ޝަރުތުތަކަކާއެކު ކޯޓުން މިއަދު ދޫކޮށްލާފައެވެ.