ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދީނީ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީއާ ދެމެދު މިއަދު އެމްއޯޔޫ އެއްގައި ސޮއި ކުރީ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ.އަހްމަދު ޒާހިރު ސޮއި ކުރެއްވި އިރު ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ގާތްވެފައިވާ އިރު، މި ފަދަ ފުރުސަތެއް މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ލިބިގެން ދިޔުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި 143 ކުދިން މި ވަގުތު ދިރިއުޅެމުން ދާ އިރު، އެ ކުދިންނަށް އިސްލާމިކް މިނިސްޓްރީން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރި މި އެމްއޯޔޫގެ ބޭނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ކީރިތި ގުރުއާން ކްލާސް ހިންގައި، ގުރުއާނަށް އަހުލުވެރިކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމެވެ. އަދި މި އެމްއޯޔޫގެ ދަށުން ހުޅުމާލޭގައި ހިންގާ ފިޔަވަތި އަދި ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ބަލައިގެން ހަތިމުން ކިޔަވަން ދަސްކޮށްދިނުމާއި، ސޫރަތުއްޟުޙާއިން ފެށިގެން ތިރީގެ ސޫރަތްތައް ހިތުން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއި ޒިކުރުތައް ދަސްކޮށްދިނުމުގެ އިތުރުން އިސްލާމީ ރިވެތި ބައެއް އަދަބުތައް ދަސްކޮށްދިނުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީއާ ދެމެދު މި ފަދަ އެމްއޯޔޫއެއްގައި މީގެ ކުރިން ވެސް ސޮއިކޮށްފައިވެއެވެ.