ރޭ މެންދަމު 3:45 ހާއިރު ގ.ރެޑްޕާލް ގޭގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި ދުމުގެ އަސަރު ކޮށްގެން 6 މީހަކަށް އައިޖީ އެމްއެޗް ގައި ފަރުވާ ދީފިއެވެ.

އޭގެތެރެއިން 5 މީހަކު ފަރުވާއަށް ފަހު މިހާރު ދޫކޮށްލާފައި ވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އައިޖީއެމްއެޗުން ބުނީ އޭގެތެރެއިން އެކަކު އޮބްޒަވޭޝަން ގައި ބާއްވާފައި ވާކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.

މި ކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، 7 މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އެތަނުން އެކަކު ވަރަށް އަވަހަށް ދޫކޮށްލާފައި ވާކަމަށެވެ.

މި ހާދިސާ ހިނގި ގޭގެ 3 ފަންގިފިލާއެއް ވަނީ ދިރިނޫޅެވޭ ވަރަށް އަނދާފައެވެ. އެހެންކަމުން އެ ފަންގިފިލާ ތަކުގައި ދިރއުޅެމުން ދިޔަ 10 މީހަކަށް ވަގުތީ ބޯހިޔަ ވަހިކަން ފޯރުކޯށްދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 5 އަންހެނުންނާއި 4 ފިރިހެނުންނާއި 18 އަހަރުން ދަށުގެ 1 ފިރިހެން ކުއްޖެކެވެ. މި މީހުންނަށް ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއުމުގެ އިންތިޒާމު ހަމަޖައްސައި ދީފައި ވާކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.

ރޭ މެންދަމު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ރޭ 04:30 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.