މާރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ޒާހިދު ރަމީޒް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

މަރުކޮމިޝަނުން ބުނީ ޒާހިދު ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީންގެ ރަޝީދާއި ގުޅޭގޮތުން 2011 އަދި 2012 ވަނަ އަހަރު ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން ކަމަށެވެ.

ޒާހިދު ކޮށްފައިވާ ބައެއް ޓްވީޓްތަކުގައި ވަނީ ޔާމީން ރަޝީދު މަރާލާނެ ކަމުގެ އިންޒާރު އެއިރު ދީފައެވެ. އެގޮތުން ފްރީޑަމް ވޮޗް މޯލްޑިވްސް ޓެގްކޮށް ޒާހިދު ޖެނުއަރީ 25، 2012 ގައި ކުރި ޓްވީޓްގައި ބުނެފައި ވަނީ "އަދިވެސް ހިއްލަތު ވެސް ޔާމީން ވެސް ދުއްވާލާނަން ފެނިއްޖެއްޔާ. ހުރިހާ ލާދީނީ އާތުން ދުއްވާލާނަން. ވަގަށް ކުރާ ކަމެއް ނޫން މީ" ކަމަށެވެ.

މީގެ އިތުރުން ޔާމީން ހިމެނޭ ގޮތަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް އެހެން މީހުން ޓެގްކޮށް ޒާހިދު ވަނީ އެމީހުންނަކީ ގައުމުން ނައްތާލަންޖެހޭ ބައެއް ކަމަށާއި، އެމީހުން މަރާލަން ޖެހޭ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

ޔާމީން މަރާލާފައި އޮއްވާ ފެނިފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހު އޭނާ ދިރިއުޅޭ ގޭގައެވެ. މި ހާދިސާ ފުލުހުން ތަހުގީގު ކުރި ނަމަވެސް މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގައި ބަޔަކު ފުލުހުން ހައްޔަރު ކުރިއެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ކޮމިޝަނަށް މީހަކު ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ ކޮމިޝަނުން ބަލަމުންދާ ބައެއް މައްސަލަތައް ނިމިފައިވީ ނަމަވެސް، ގެއްލުވާލައި ފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި ޔާމީންގެ މައްސަލަ އަދި ނުނިމޭ ކަމަށެވެ.