އެކަށީގެންނުވާ މިންގަނޑެއްގައި ހަށިގަނޑުގެ ބަރުދަން ބެހެއްޓުމަށާ، ޖިސްމާނީ ސިފަތައް ބައްޓަން ކުރުމަށް ފިލްމުތަކާ ޓީވީ ސީރީޒްތަކުގައި މަސައްކަތްކުރާ ފިރިހެން ތަރިންނަށް ބޮޑު ޕްރެޝަރެއް ކުރިމަތިވަމުން އަންނަ ކަމަށް "ބޮޑީގާޑް"ގެ ތަރި ރިޗާޑް މެޑަން ބުނެފިއެވެ.
"ބްރިޓިޝް ވޯގް"އަށް ދިން އިންޓަވިއުއެއްގައި މެޑަން ބުނީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށް ޖިމަށް ދިއުމަށް އޭނާއަށް މަޖުބޫރުކުރިވި ކިތަންމެ "ވަޒީފާ"އެއްގައި އޭނާ މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
މެޑަން ބުނީ މިއީ އަންހެން ތަރިންނަށް ކުރިމަތިވާ މައްސަލައެއް ނޫންކަމަށާ، މިއީ ހަމައެކަނި ފިރިހެން ތަރިންނަށް ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ.
މަޝްހޫރު ލަވަކިއުންތެރިޔާ ސޭމް ސްމިތްވެސް ދާދިފަހުންވަނީ މިފަދަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ފޮޓޯޝޫޓުތަކަށް ދިއުމުގެ ހަފުތާތަކެއް ކުރިން ފެށިގެން އޭނާ ބަނޑަށް ހުންނަ ކަމަށް ސޭމް ސްމިތްވަނީ އިންސްޓަގްރާމްގައި އިއުތިރާފުވެފައެވެ.
މެޑަން ބުނީ އޭނާގެ އިތުރުން އޭނާއާއިއެކު މަސައްކަތްކުރާ ގިނަ ފިރިހެން ތަރިންނަކީ ކޮންމެވެސް މަންޒަރުތަކެއް ކުޅުމަށްޓަކައި ދުވާލަކު 2 ފަހަރު ޖިމަށްދާ ބައެއް ކަމަށާ، އެއްވެސް ވަރަކަށް ކާބޯހައިޑްރޭޓްސް ހުންނަ އެއްޗިހި ބޭނުން ނުކުރެވޭއިރު، ކެއުމަށް ހުއްދަ ދީފައި އޮންނަނީވެސް އިންތިހާއަށް މަދު މިންވަރަކަށް ކަމަށެވެ.
"ގޭމް އޮފް ތްރޯންސް"ގައި ރޮބް ސްޓާކް އަދި "ސިންޑަރެއްލާ"ގައި ޕްރިންސްގެ ރޯލުން ފެނިގެންދިޔަ މެޑަން ބުނި ގޮތުގައި، ބައެއް މަންޒަރުތައް ނެގުމަށް އޭނާއަށް ލާންޖެހުނު ކޮސްޓިއުމުތަކަކީ އެ ލައިގެން ހުންނަ ވަގުތު ރަނގަޅަށް ނޭވާވެސް ނުލެވޭހާ ބާރު ކޮސްޓިއުމްތަކެއް ކަމަށެވެ.
ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް މެޑަން ފެނިގެންދާނީ މަޝްހޫރު ލަވަކިއުންތެރިޔާ އެލްޓަން ޖޯންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "ރޮކެޓްމޭން"އިންނެވެ.