ނިމިދިޔަ މަޖިލީސް އިންތިހާބަކީ އެތައް ގޮތަކުން ގިނަ ފިލާވަޅުތަކެއް އެތައް ބަޔަކަށް ލިއްބައިދިން އިންތިހާބެކެވެ. އެ އިންތިހާބުގެ ނަތީޖާ އައި ގޮތުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔުމުގެ އިތުރުން އެ އިންތިހާބުގެ ނަތީޖާގައި ފެންނަން އޮތް އެހެން ހަގީގަތްތަކެއް އެބަހުއްޓެވެ.

ތާރީހަށްޓަކައި މިވާހަކަތައް ލިޔަން ޖެހޭ ސަބަބަކީ އަންނަން އޮތް އިންތިހާބު ތަކަށްވެސް ފިލާވަޅެއް ލިބިދާނެ ވާހަކަތަކަކަށް މި ހަގީގަތް ވާތީއެވެ.

ނިމިދިޔަ މަޖިލީސް އިންތހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 264،442 މީހަކަށެވެ. އޭގެ ތެރޭގައި މުޅިން އަލަށް މިއަހަރު ވޯޓުލުމުގެ ހައްގު ލިބުނީ 3،059 މީހުންނަށެވެ. އެއީ ޒުވާނުންނެވެ. ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓު ލީ 212،079 މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ 74 ޕަސެންޓެވެ.

ނިމިދިޔަ އިންތިހާބުގައި ވޯޓުލީ މީހުންގެ ވަގުތީ ނަތީޖާގެ ނިސްބަތުން ހިސާބު ހަދާލީމާ އެމްޑީޕީއަށް ލިބުނީ 34 ޕަސެންޓެވެ. އެއީ 74،042 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް 65 ޕަސެންޓް ލިބިފައި ވެއެވެ. އެއީ 138،037 ވޯޓެވެ. ވަގުތީ ހިސާބު ދައްކާ ގޮތުން އެމްޑީޕީއަށް ލިބުނު ވޯޓުގެ ދެގުނަ ހަމަވާން އިދިކޮޅަށް މަދީ ގާތްގަނޑަކަށް 10 ހާސް ވޯޓެވެ.

ނިމިދިޔަ މަޖިލީސް އިންތިހާބުގައި އެކިއެކި ޕާޓީތަކަށް ގޮނޑި ކާމިޔާބު ކުރެވުނު ގޮތް ދައްކައިދޭ ޗާޓެއް

ވޯޓުގެ ނަތީޖާ މިގޮތަށް އޮތަސް މޮޅުވީ އެމްޑީޕީއެވެ. ސިއްސައިގެން ދާވަރުގެ ބޮޑު މެޖޯރިޓީއަކާ އެކު މުޅި މަޖިލީސް ރީނދޫ ކޮށްލީ އެމްޑީޕީއެވެ.

އެވީ ގޮތެއް އެހެންވީމާ ބަލަން އެބަޖެހޭތާއެވެ. ނިސްބަތުން ލިބުނު ވޯޓު މަދެވެ. އެހެނަސް ގިނަ ގޮނޑި ހޯދިއެވެ. މިއީ ޖަހާކަށް އެހާ އުނދަގޫ ހިސާބެއް ނޫނެވެ. 'ފަންސާހާއި ހަތަރެއް' ގުނަ ކުރަން ޖެހޭ ގޮތަށް ހަދަން ޖެހޭ ހިސާބެއް ނޫނެވެ.

އެމްޑީޕީއަކީ ފިކުރެކެވެ. އެކަތިގަނޑެއްގެ ގޮތަށް ހަރަކާތްތެރިވާ އަސާސްތަކެއް ހިފަހައްޓާ ބައެކެވެ. ވަކި ގޮތަކަށް ވަކި އިންތިޒާމުތަކެއްގެ މަތީގައި ކަންކަން ރާވައިގެން ކުރާ ބައެކެވެ. ޕާޓީގެ ގުނަންތަކުން ވަކި ގޮތަކަށް ކަންކަން ނިންމީމާ އާންމު މެންބަރުން އެއަށް ތަބާވާ އުސޫލުތަކެއް ގެންގުޅޭ ޕާޓީއެކެވެ. ނިމިދިޔަ އިންތިހާބުގައި އެފެނުނީ އެތަނެވެ. ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވާ، މަޖިލީހަށް ނުކުންނަ ކެންޑިޑޭޓު ދެއްކިއެވެ. ދެންތިބި އެންމެން އެއަށް ތަބާވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. ކެމްޕޭނު ކުރުމުގައިވެސް އިންތިޒާމު ކުރެވިގެން، ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ މުހުތާދުތައް ދެނެގަތެވެ. 'އެޖެންޑާ 19' ނަމުގައި ފިސާރި ރަނގަޅަށް އަސާސްތަކެއް މާކެޓް ކުރިއެވެ. އޭގައި ވަކިވަކި ކެންޑިޑޭޓުން ކުރަން ޖެހޭ ކަންތައްތަކެއް ނުވަތަ ވަކިވަކި ކެންޑިޑޭޓުން ކޮށްދޭނެ ކަންތައްތަކެއް ނެތެވެ. އޮތީ ޖަމްއު ކޮށް އެންމެހާ ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރެވޭނެ އަސާސްތަކެކެވެ. އެކަން އެހެން އޮތުންވެސް ވީ 'ޕްލަސް ޕޮއިންޓަކަށް' އެވެ. އެއީ ރައްޔިތުންގެ ކައިރިއަށް ގޮސް ވަކިވަކި ކެންޑިޑޭޓުންނަށް ފަރުދީ ވައުދުތަކެއް ވާން ނުޖެހުމުން ލިބުނު މޮޅެކެވެ.

ދެން އޮތީ އިދިކޮޅެވެ. ނިސްބަތުން ގިނަ ވޯޓު ލިބުނަސް ހޮވުނު ކެންޑިޑޭޓުން ނުވަތަ ލިބުނު ގޮނޑި އިންތިހާއަށް މަދެވެ. އަމިއްލަ ކެންޑިޑޭޓުން ލައިގެން ހަމަވީ އެންމެ 22 ގޮނޑިއެވެ. މަޖިލީހުގެ 'ކޮމްޕޮޒިޝަން' ނުވަނަ މެޖޯރިޓީ ބޭނުންވާ ނިސްބަތަށް ބަލާއިރު 22 އެއީ ނެތް އަދަދެކެވެ. ބޭނުންވާ ގާނޫނުތަކާ އިސްލާހުތައް ފާސްކުރުމުގައި 22 ބޭނުމެއް ނުވެއެވެ.

އެމްޑީޕީ އާ ދެކޮޅަށް މަޖިލީސް ކާމިޔާބު ކުރި 22 ކެންޑިޑޭޓުން

އެވާހަކަވެސް ބާއްވާފައި އިދިކޮޅު ޓީމު އެހާ ބޮޑު ބައްޔެއް ވީ ސަބަބު ދެނެގަންނަން ޖެހެއެވެ. އެންމެ ފުރަތަމަ ސަބަބަކަށް އަޅުގަނޑު ފާހަގަ ކުރާނީ 'އަމިއްލަ އެދުން' ބޮޑުވެގެން ދިޔުމެވެ. އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އާއި ޖޭޕީގައި އިހުލާސްތެރި މަސައްކަތްތައް އެތައް ޒަމާނެއް ވާންދެން ކުރަމުން ދިޔަ މެންބަރުން 'ޓިކެޓަށް' އެދި އެދި ތިއްބާ 'ވައި ކުޑާގައި ފޭބި ބަޔަކަށް' ޓިކެޓް ދިނުމެވެ. ނަތީޖާއަކަށް ވީ ޕާޓީއަށް ނުވަތަ ޕާޓީގެ ލީޑަރަށްވެސް ވަފާތެރި އެތައް ބަޔަކު މާޔޫސްވެގެން ދިޔުމެވެ. 'ޗެލެންޖް' ކުރުމުގެ ރޫހެއް އުފެދިގެން ދިޔުމެވެ. އަމިއްލަ ގޮތުން ވިޔަސް މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމެވެ.

ދެވަނަ ސަބަބަކަށް އަޅުގަނޑު ފާހަގަ ކުރާނީ އިދިކޮޅުގެ ޕާޓީތަކުގެ ދެމެދުގައި ބަދަހި ގުޅުމެއް ނެތުމެވެ. އަސާސްތަކެއް ނެތުމެވެ. އިތުބާރުވެސް އަމުދުން އެއް ބަޔަކު އަނެއް ބަޔަކަށް ނެތުމެވެ. ރައްޔިތުންނާ ހަމައަށް ގޮސް ވިއްކާނެ ނުވަތަ ހުށަހަޅާނެ ހުށަހެޅުމެއްވެސް ނެތުމެވެ.

އިދިކޮޅުން ވިއްކަމުން ދިޔައީ މައިގަނޑު ދެވާހަކައެކެވެ. އެއް ވާހަކަ އަކީ އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ، ބުދުފައްޅި އަޅާނެ ވާހަކަ އާއި ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވެ ވަޑައިގަންނަވާނެ ވާހަކަ އެވެ. އިދިކޮޅުގެ މިވާހަކަތައް ކޮންމެވެސް ވަރަކަށް ވައިގައި ހިފިނަމަވެސް ރައީސް ނަޝީދު ކެމްޕޭނު ތެރޭގައި ކުރައްވަމުން ގެންދެވި އެންމެ ސުވާލަކުން އެހުރިހާ ވާހަކައެއް ނަފީވެގެން ދިޔައެވެ. އެ ސުވާލަކީ 'އިދިކޮޅު ކެންޑިޑޭޓުން މަޖިލީހަށް އަންނަން ތިޔަ އުޅެނީ ކޮންކަމެއް ކުރަންތޯ' އައްސަވާ ކުރައްވާ ސުވާލެވެ. އެ ސުވާލަށް އިދިކޮޅުން ޖަވާބެއް ނުދެވުނު ތާނގައި ރައްޔިތު މީހާ ކައިރީގައިވެސް ވިއްކާނެ އެއްޗެއް އިދިކޮޅަކަށް ނުނެރެވުނެވެ. އެމްޑީޕީގެ ސަޕޯޓަރުން ރައްޔިތުންގެ ކައިރީގައި ބުނަމުން ދިޔައީ މިއަދު އޮތީ އެމީހުންގެ ސަރުކާރެއް ކަމަށާ، ދާއިރާގެ ކުރިއެރުމަށް ހުރި ކަންކަން ކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓު ހޮވަން ޖެހޭ ކަމަށެވެ.

ދެން އޮތީ ފަހު ވާހަކައެވެ. އެއީ އިދިކޮޅު އޮޅުން ބޮޅުންވެ މަސްހުނި ވެފައި އޮތުމެވެ. ޕީޕީއެމްގެ ތެރެއިން ޕީއެންސީ އުފަން ވުމާ، ލިޑާޝިޕްގެ އެކިއެކި ބޭފުޅުންނާ ދޭތެރޭ ހިތްހަމަ ނުޖެހި ބައެއް މެންބަރުން ޕާޓީއާ ދުރަށް ދިޔުމާ، ޕީޕީއެމް ކޮންގްރެސްއާއި ޖޭޕީގެ ލީޑަރުގެ ނިންމުންތައް ދެޕާޓީގައި ހިމެނޭ އިސް އާރުކާޓީގެ ބައެއް ބޭފުޅުން ބަލައި ނުގަތުން ފަދަ އޮޅުން ބޮޅުންތައް އޮތީ އިންތިހާބު ނިމުނު އިރުވެސް އޮޅިފައެވެ. 'ކަންވާރު ބޮޅެއްގައި ނެތްހާ ގޮށް' ގިނަވެފަ އެވެ.

އިންތިހާބުގައި ވަކިވަކި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްކުރުމުން އިދިކޮޅަށް ލިބުނު ޖުމްލަ ވޯޓު ގިނަ ވި ނަމަވެސް އެއަކުން ކުރި ފައިދާއެއް ނެތެވެ. އަދި ކުރާނެ ފައިދާއެއްވެސް ނެތެވެ. ހަރުދާނާ އުސޫލުތަކަކާއި ހަމަތަކެއް އެކަށައަޅާ އިދިކޮޅުންވެސް ކޮންމެ ދާއިރާއަކަށް އެއް ކެންޑިޑޭޓަކު ނެރުނު ނަމަ މިއަދު ބޮޑު މެޖޯރިޓީއާ އެކު 'ހެވި ދިލިފައި' މަޖިލީހުގައި އޮންނާނީ އިދިކޮޅެވެ. ތިންބާރު ވަކިކޮށް ހިނގަން ޖެހޭ މި ނިޒާމުގައި އެހެންވި ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުނީހެވެ. ކުރާނެ ކަމެއް ނެތެވެ. މިއަދު ފެނިގެން މިދިޔައީ 'އެކުވެރި ކަމަކީ ގަދަފަދަ ބާރަކަށް ވާ ގޮތަށް ވަކިވެ ގަތުމަކީ ނިކަމެތި ކަމެއް' ގެ ގޮތުގައެވެ.