ނ. މާފަރު އެއާޕޯޓުގެ މަސައްކަތް ނުނިމިގެން އުޅެނިކޮށް، އެ އެއާޕޯޓުގެ ރަންވޭއަށް ބޮޑު ކަޅު ވެލައެއް އަރާ ބިސް އަޅައިފިއެވެ.

މާފަރު އެއާޕޯޓުގެ ރަންވޭއަށް އަރާ ބިސްއެޅި ބޮޑު ވެލާގެ، ފޮޓޮއެއް މީހަކު ސޯޝަލް މީޑއާގައި ހިއްސާ ކުރުމާއެކު، އެ ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި، އެ ވެލާ ވަނީ ރަންވޭ މައްޗަށް 3 ބިސް އަޅާފައެވެ.

އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް، 2200 މީޓަރުގެ ރަންވޭ އަކާއެކު، ހަދަންފެށި މާފަރު އެއާޕޯޓަށް، 1000 މީޓަރު އިތުރު ކުރަން، އެއާޕޯޓު ތަރައްގީ ކުރާ ކުންފުނިން މިހާރު ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހަމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އޭރުން ދުނިޔޭގެ އެންމެ ބޮޑެތި، އޭ 380 މަރުކާގެ މަތިންދާބޯޓު މާފަރު އެއާޕޯޓުގައި ޖެއްސޭނެ ކަމަށެވެ.

މާފަރު އެއާޕޯޓަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ސިންގަޕޫރުގެ 'ޓަފް އޮފްޝޯ' ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.