އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ބަޔަކު މީހުން ލަވަޖަހައިގެން ނެށި މައްސަލަ މިހާރު ބަލަމުން ދާކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅު ވެއްޖެއެވެ.

ބިދޭސީންތަކެއް އިސްލާމީ މަރުކަރުގެ ގޯތިތެރޭގައި، ނަށާފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމާ ގުޅިގެން، މިނިސްޓަރު ޒާހިރު ވިދާޅުވީ، އެއީ ކޮންބައެއްތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށް މިވައްޒަފުންނަށް މިހާރު އަންގަވާފައި ވާނެ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ކޮންބައެއްކަން ކަނޑައެޅިގެން ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެއީ ދިވެހިން ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި ވީޑިއޯގައި ޖަހާފައި ހުރި ލަވައިން އެއީ ބަންގްލަދޭޝްގެ ބައެއް ކަމަށް ލަފާ ކުރެއްވޭ ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި މައްސަލައިގައި އަޅުއްވާނެ ފިޔަވަޅެއް އެނގިވަޑައިގަންނަވާނީ، އެއީ ކޮން ދުވަސްވަރެއްގައި ނަގާފައިވާ ވީޑިއޯ އެއް ކަން ބެއްލެވުމަށް ފަހުގައި ކަމަށެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ، އެފަދަ ކަމެއް ހިނގަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީގެ ސެކިއުރިޓީ އަކަށް ފެނިއްޖެ ނަމަ، އެ މީހުން އެތަނުން ފޮނުވާލާ ކަމަށެވެ. އެކަމަކު ސެކިއުރިޓީ ބެލެހެއްޓުމުގައި އަބަދު މީހުން ނުތިބޭ ކަމަށާއި، މީހަކު ނެތް ވަގުތަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް މިނިސްޓްރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، އެފަދަކަމެއް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިނިސްޓްރީ ގެ ސެކިއުރިޓީންނަށް ފެނިއްޖިއްޔާ އެ މީހުން ފޮނުވާލާ އެމީހުން އެތާ ނުތިބުމަށް ވެސް އަންގާ. ދެން އަބަދަކު، 24 ގަޑިއިރު އެހާ ގިނައިން މީހުންނެއް ނުތިބޭނެ. ސެކިއުރިޓީ ބަލަހައްޓަން މިތިބެނީ 3 މީހުން. އެއިން މީހަކު ނެތް ގަޑި އަކުވެސް އެކަހަލަ ކަމެއް މީހަކު ކޮށްފާނެ. އެނގިގެންނެއް އެކަހަލަ ކަމެއް ކުރިޔަކަ ނުދޭނެ އެއްވެސް ފަރާތަކުން. އެ ދެން އަޅުގަނޑަށް އެނގޭ އެއްޗެއް. މިނިސްޓްރީން އެކަހަލަ ކަންތައްތައް ހުއްޓުވޭނީ އަޅުގަނޑުމެން އިތުރަށް ބެލުންތާ އޮންނާނީ، ދެއްތޯ، އެ އެކަހަލަ ކަންތައްތަކެއް ތަކުރާރު ވިޔަ ނުދީ" މިނިސްޓްރު ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން އިސްލާމީ މަރުކަޒުގެ ގޯތި ތެރެއާ މަގުމަތި ތަށިމުށި ޖެހުމަށް ފަހު އެއްކޮށްލާފައި ވާކަމަށާއި، އޭގެ ސަބަބުން މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަންތައްތައް ހިނގަމުން ދާކަމަށެވެ. އެ ގޮތުން މަސް ހިފައިގެންދާ މީހުން އެތާތެރެއިން ހިނގުމުގެ ސަބަބުން ތަން ހަޑިވާކަން ޒާހިރު ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ. އަދި އެ ފަދަ ކަންކަން ކުރާ މީހުން ހުއްޓުވުމަށް މިނިސްޓްރީ އިން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި، އެކަމަކު އެ ކަންތައްތައް މިހާތަނަށް ހުއްޓުމަކަށް އައިސްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅު ވިއެވެ.

އެހެން ކަމުން މިހާރު އިސްލާމީ މަރުކަޒުގެ ސަރަހައްދު ވަކި ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ތަށިމުށި ޖަހާ އެތަން ހާމަ މައިދާނަކަށް ހެދިފަހުން ފަހުން، އެތާތެރެ ވެފައިވަނީ، ބިދޭސީންނާއި ބައެއް ދިވެހިން އެއްވެ އުޅޭ މައިޒާނަކަށެވެ.