ހދ.ނެއްލައިދޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ޓީމެއް އެރަށުގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް 'ދަ ޕްރެސް' އާއި ވާހަކަ ދައްކަމުން ވިދާޅުވީ، އެރަށުގެ ކަރަންޓުގެ މައްސަލަ މިހާރު ބޮޑުވެފައިވާ ކަމަށެވެ. އަދި ފެނަކައިން މި މައްސަލަ ހައްލުކުރަން އައި ޓީމެއް، މިއަދު މެންދުރު 12:00 ހާއިރު ނެއްލައިދޫ އަށް ގޮސްފައިވާ ކަމަށާއި އަދި އެމީހުން މަސައްކަތް ކުރަން ނުފަށާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން ރޭ 7:20 ހާއިރު ރަށުން ކަރަންޓު ގޮސް ގެން ވީ ކީއްކަން ނޭނގިގެން އެ އަތޮޅު ކުޅުދުއްފުށިން ޓެކްނިކަލް ޓީމެއް ގެނެސް ކުރި މަސައްކަތުން އެނގުނީ ރަށުގެ މައި ކޭބަލް ލައިނެއް އަނދާފައިވާ ކަން ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ކުޅުދުއްފުށިން ކޭބަލެއް ގެނެސް، މިހާރު ވަނީ ރައްޔިތުންނަށް ވަގުތީ ހައްލެއް ގެނެސް ދެވިފައި ކަމަށެވެ.

ނެއްލައިދޫން އިރުއިރުކޮޅުން ކަރަންޓު ކެނޑޭތީ ކޮޓަރިތައް ހޫނު ވުމުން ރޭ އެރަށުގެ ކުޑަކުދިން ނިންދެވީ މަގުމަތީގައެވެ. ނަމަވެސް، ރޭ ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުން މިއަދު މިހާތަނަށް ކަރަންޓު ގޮސްފައިވަނީ އަދި އެންމެ ފަހަރަކު ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނެއްލައިދޫއިން އިރުއިރުކޮޅާ ކަރަންޓު ކެނޑޭތާ ދެ މަހެއްހާ ދުވަސް ވަނީ ވެފައެވެ. އެރަށު ސްކޫލުން ވެސް ކަރަންޓު ދާތީ ކިޔަވައި ދިނުމަށް ދަތިވެފައި ވާއިރު ހޫނުކަމުން ބައެއް ފަހަރު ކްލާސް ރޫމުން ބޭރުގައި ވެސް ކިޔަވައިދޭން ޖެހެއެވެ. ނެއްލައިދޫ ރައްޔިތުން ވަނީ ކަރަންޓު ކެނޑޭތީ މުޒާހަރާވެސް ކޮށްފައެވެ.