ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓާ ނުކޮށް ގެސްޓްހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓާ އޮފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރަޖިސްޓާ ނުކޮށް ގެސްޓް ހައުސްގެ ވިޔަފާރި ކުރުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ. އަދި މިފަދައިން ގެސްޓްހައުސް ހިންގާ ނަމަ އޭގެ ނަތީޖާ ފެންނާނެ ކަމަށާއި ގެސްޓަހައުސްގެ ހިދުމަތް ނުދެވޭ ގޮތަށް އެމީހަކާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އާ ސަރުކާރު ފެށުނު ފަހުން ވެސް އެ ފަރާތްތަކަށް ރަޖިސްޓާ ކުރަން ވަގުތު ދެވިއްޖެ ކަމަށާއި މިފަދައިން ވިޔަފާރި ހިންގައިގެން ދިމާވާ ހާދިސާތަކުން ޓުއަރިޒަމް އިންޑަސްޓްރީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަޖިސްޓާ ނުކޮށް ގެސްޓްހައުސް ހިންގާ މީހުން މީރާއަށް ޓެކްސް ދައްކާކަމަށެވެ. އަދި ގާނޫނާއި ހިލާފަށް ކަމެއް ކޮށްފަ ޓެކްސް ދެއްކުމުން އެކަން ރަނގަޅު ކަމަކަށް ނުވާ ކަމަށާއި އެކަން ރަނގަޅު ކަމަކަށް ވާނަމަ ވައްކަން ކޮށްފައިވެސް ޓެކްސް ދެއްކިދާނެ ކަމަށެވެ.

މިނިސްޓަރު ވަނީ އެ މިނިސްޓްރީން ކުރަން ނިންމާފައިވާ ބައެއް ކަންތައްތައް މިއަދު ހާމަކުރައްވާފައެވެ. އެގޮތުން، ރިސޯޓް އޯނަރުންނާއި ރިސޯޓްގެ މުއައްޒަފުންނަށް ހެޔޮ ބަދަލުތައް ގެނެސެދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަޅުތަކުގައި ހުރި ގެސްޓްހައުސްތަކާއި ހޮޓާ ފަދަ ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އިންސްޕެކްޓް ކުރުން އަންނަ ސެޕްޓެމްބަރު މަހު ހަތަކަށް ނިމޭނެ ކަމަށާއި އިންސްޕެކްޝަންގެ ފައިންޑިންގްސްތައް މީޑިއާއަށް ހާމަނުކޮށް ފެންނަ މައްސަލަތައް ހައްލުކުރާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ހިންދެމިލެވިއްޖެ ކަމަށާއި ޓުއަރިޒަމް އޭޖެންސީ އަށް ހަމަޖެހުން ގެނެވިއްޖެކަމަށެވެ. އަދި ދެން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މި ފަސް އަހަރު ޓުއަރިޒަމް މިނިސްޓްރީއަށް ޓާގެޓް ކުރެވޭ ކަންތައްތައް ހާސިލް ކޮށް ގައުމު އަމާންކޮށް އޮމާންކޮށް ގެންދަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އެ މިނިސްޓްރީން އާ ވެރިކަމުގައި ކޮށްފައިވާ ކަންތައްތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން، 10 އާ ރިސޯޓަކަށް ވިޔަފާރި ކުރުމުގެ ލައިސަންސް ދިނުމާއި 40 ގެސްޓް ހައުސްއެއް ރަޖިސްޓްރީ ކޮށް ލައިސަންސް ދިނުމާއި 11 ހޮޓާ އަދި 12 ޑައިވް ސެންޓަރުގެ އިތުރުން 22 ޓްރެވެލް އޭޖެންސީ ރަޖިސްޓްރީ ކޮށްފައިވާނެއެވެ.

މީގެ އިތުރުން ރާއްޖޭގައި 141 އޮޕަރޭޓިން ރިސޯޓް ހުރި އިރު، 545 ގެސްޓްހައުސްގެ އިތުރުން 221 ޑައިވް ސެންޓަރު އަދި 335 ޓްރެވެލިން އެޖެންސީ ޓުއަރިޒަމް މިނިސްޓްރީގެ ދަށުން މިހާރު ރަޖިސްޓްރީ ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަލަށް 1410 ޓޫރިސްޓް ބެޑް ރިސޯޓްތަކުގައި ގާއިމް ކޮށްފައިވާއިރު 666 ބެޑް ގެސްޓްހައުސް ގައި ގާއިމް ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 31،072 ޓޫރިސްޓް ބެޑް މިހާރު ރިސޯޓްތަކުގައި ހުންނައިރު، 7944 ބެޑް ގެސްޓް ހައުސްތަކުގައި އަދި 900 ބެޑް ހޮޓާ ތައް ރާއްޖޭގެ ޓުއަރިޒަމްގެ މާކެޓްގައި މިހާރު ހުރެއެވެ.